ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ އެކައުންޓްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފްރީޒްކޮށްފައި ވަނީ ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ނިންމައިފިއެވެ.
2017 ވަނަ އަހަރު މީރާއިން ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒްކުރީ، އެ ކުންފުނިން ޓޫރިޒަމް މިނިސްޓްރީއަށް ދައްކަންޖެހޭ ރިޒޯޓު ކުއްޔާއި ޖޫރިމަނާ ނުދައްކާތީއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައިވަނީ މި ފިޔަވަޅަކީ ޔޮޓް ޓުއާސްއާއި ޓޫރިޒަމް މިނިސްޓްރީއާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހާލަތަކަށް ނުވާތީ، މީރާއިން މި ފިޔަވަޅު އެޅުމަކީ ޤާނޫނާއި ޚިލާފު ކަމެއް ކަމަށެވެ.
ޔޮޓް ޓުއާސްއިން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއިރު ފާހަގަކޮށްފައި ވަނީ މީރާއިން ޤާނޫނު މާނަކުރުމުގެ ހަމަތަކާއި ޚިލާފު ވެފައިވާ ކަމަށާއި، އެއްބަސްވުމުގައި ނެތް ހައްލުތަކެއް ނަގައިދީފައިވާ ކަމަށެވެ. އަދި މީރާގެ ނިންމުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި ޚިލާފު ނިންމުމެއް ކަމަށް ވެސް ބުނެފައިވެއެވެ.
Advertisement

ސުޕްރީމް ކޯޓުން މި މައްސަލައިގައި ނިންމާފައި ވަނީ ކުރިން ހައިކޯޓުން މީރާއާއި އެއްކޮޅަށް ނިންމި ނިންމުން ބާޠިލް ކުރުމަށެވެ.







