އިނގިރޭސި އެފްއޭ ކަޕްގެ 4 ވަނަ ބުރުގައި މިރޭ ލޭޓަން އޯރިއެންޓްގެ ކޮޅަށް ކެވިން ޑި ބްރޭނާ ފަހު ވަގުތު ޖަހައިދިން ގޯލުން 2-1 އިން މެންޗެސްޓާ ސިޓީ މޮޅުވެ ފަސްވަނަ ބުރަށް ދަތުރު ކޮށްފިއެވެ.
ލޭޓަން އޯރިއެންޓްގެ ހޯމް ގްރައުންޑް ގޯގަން ގްރޫޕް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ލޭޓަން އޯރިއެންޓްގެ ޖެއިމީ ޑޮންލީ ވަނީ 40 ޔާޑު ދުރުން ފޮނުވާލި އުންޑައެއް ކަހަލަ ބާރުގަދަ ޝޮޓް ސިޓީގެ ގޯލްކީޕަރ ސްޓެފަން އޯޓެގާއަށް މަތަނުކުރެވި އޭނާގެ އަތުން ބައިކޮޅަށް ގޯލު ވަދެ ލޭޓަން އޯރިއެންޓަށް ލީޑު ހޯދައިދީފައެވެ.

ޖެއިމީ ޑޮންލީ ފޮނުވާލި ބާރުގަދަ ޙަމަލާ ސިޓީގެ ގޯލްކީޕަރ ސްޓެފަން އޯޓެގާއަށް މަތަނުކުރެވި އޭނާގެ އަތުން ބައިކޮޅަށް ވަންނަނީ: ޖެއިމީ ޑޮންލީގެ މި ބާރުގަދަ ޙަމަލާއަށް ގާޑިއޯލާ ވަނީ ތަޢުރީފް ކޮށްފައި.
ނަމަވެސް މެޗުގެ 56 ވަނަ މިނެޓުގައި ސިޓީގެ އަބްދުކޯދިރު ހުސާނޯވް ވަނީ ނަތީޖާ އެއްވަރު ކޮށްދީފައެވެ.
ޑިބްރޭނާ ގޯލު ޖެހީ މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ މެނޭޖަރު ޕެޕް ގާޑިއޯލާ ބުނީ ލޭޓަން އޯރިއެންޓްގެ ފުރަތަމަ ގޯލަކީ ވަރަށް ފުރިހަމަ ގޯލެއް ކަމަށެވެ. އަދި އެފަދަ ގޯލެއް ޖެހުމުން އެ ކުޅުންތެރިޔާ އަށް މަރުހަބާ ކިޔަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
ލޭޓަން އޯރިއެންޓްގެ މެނޭޖަރު ރިޗީ ވެލެންސް ބުނީ އެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ދައްކާލެވުނު ކަމަށެވެ. އަދި ސިޓީގެ އިސް ކުޅުންތެރިން ނުކުމެގެން ނޫނީ އެ ޓީމަށް މޮޅު ނުވެވުނު ކަމަށް އޭނާ ބުންޏެވެ.
މި މެޗާއެކު މެންޗެސްޓަރ ސިޓީ ވަނީ އެފްއޭ ކަޕްގެ 5 ވަނަ ބުރަށް ކޮލިފައި ވެފައެވެ. 5 ވަނަ ބުރުގެ ގުރުއަތުލުން އޮންނާނީ މާދަމާ ރޭ އެވެ.









