ފްރެންޗް ލީގުގައި ރޭ މޮނާކޯ އަތުން 4-1 އިން މޮޅުވެ، ޕެރިސް ސެއިންޓް-ޖަރމެއިން (ޕީއެސްޖީ) އިން ލީގުގެ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފައެވެ. އޮސްމާން ޑެމްބެލޭގެ ދެ ގޯލާއެކު ޕީއެސްޖީއަށް މިހާރު ވަނީ ލީގުގެ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ލިބިފައެވެ.
މެޗުގައި ޕީއެސްޖީއަށް ފުރަތަމަ ގޯލު ޖެހީ ވިޓީނިއާއެވެ. މޮނާކޯއިން އެއްވަރުކުރުމަށްފަހު، ދެވަނަ ހާފުގައި ކްވިޗާ ކްރަވަޝްކޭލިއާ ވަނީ ޕީއެސްޖީއަށް އަލުން ލީޑު ނަގައިދީފައެވެ. ޕީއެސްޖީގެ ފަހު ދެ ގޯލު ޖެހީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި އޮސްމާން ޑެމްބެލޭއެވެ. މި ދެ ގޯލާއެކު ޑެމްބެލޭ މި ސީޒަނުގައި ޖެހި ލީގު ގޯލުގެ އަދަދު ވަނީ 16 އަށް އަރައިފައެވެ.
މި ވަގުތު ޕީއެސްޖީއަށް 21 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މާސޭއަށް 20 މެޗުން ހޯދިފައިވަނީ 40 ޕޮއިންޓެވެ. މޮނާކޯ ތިންވަނައިގައި އޮތީ 21 މެޗުން 37 ޕޮއިންޓާ އެކުގައެވެ.
މި މެޗުގެ ކުރިން ޕީއެސްޖީން ވަނީ އެ ކްލަބާއެކު ކޮންޓްރެކްޓް އާކުރި ފަރާތްތައް އިއުލާނުކޮށްފައެވެ. އެގޮތުން ކޯޗު ލުއިސް އެންރީކޭ 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާކުރިއިރު، މޮރޮކޯގެ އަޝްރަފް ހަކީމީގެ އިތުރުން، ވިޓީނިއާ އަދި ނޫނޯ މެންޑޭޒް ވަނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން އާކޮށްފައެވެ.









