ސިޓީގެ ފޯމު ދަށްވެގެން އުޅެނީ ގާޑިއޯލާގެ ކައިވެނި ރޫޅުމުން - ހެންރީ

އުސްތާޛް މުޙައްމަދު ޢަލީ | 106 ދުވަސް ކުރިން - 5 ފެބްރުއަރީ 2025 12:51
ޚުލާސާ

ގާޑިއޯލާ ވަނީ 36 އަހަރު ދުވަހު އިނދެގެން އުޅުނު އަނބިކަނބަލުން ކްރިސްޓީނާ ސެރާއާ މިދިޔަ މަހު ވަރިވެފަ. ކައިވެނީގައި ރެނދު ލާފައިވާތާ އަހަރުތަކެއް ވެއްޖެ.

މެންޗެސްޓަރ ސިޓީގެ މެނޭޖަރ ޕެޕް ގާޑިއޯލާގެ އަނބިކަނބަލުންނާއި މައްސަލަ ޖެހި ކައިވެނި ރޫޅިފައި ވާތީ ޓީމުގެ ކުޅުމަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް ކުރީގެ ފްރާންސް އަދި އާސެނަލް ކުޅުންތެރިޔާ ތިއެރީ ހެންރީ ބުނެފިއެވެ.

ގާޑިއޯލާ ވަނީ 36 އަހަރު ދުވަހު އިނދެގެން އުޅުނު އަނބިކަނބަލުން ކްރިސްޓީނާ ސެރާއާ މިދިޔަ މަހު ވަރިވެފައެވެ. ސްޕޯޓް މަޖައްލާއިން ބުނާ ގޮތުގައި ގާޑިއޯލާ މެންޗެސްޓަރ ސިޓީއާއެކު 2027 އަށް ކޮންޓްރެކްޓް އިތުރުކުރާކަށް ކްރިސްޓީނާ ސެރާ ބޭނުމެއް ނުވެއެވެ.

"މެންޗެސްޓަރ ސިޓީ އަދި ޕެޕްއަށް އަޅުގަނޑު ހަމްދަރުދީވޭ. ފުޓްބޯޅައިން ބޭރުގައި ހުރި ކަންކަމާއި ކުރިމަތިލުމަކީ ޕެޕްއަށް ފަސޭހަ ކަމެއް ނޫން. ނަފްސާނީ ގޮތުން ރަނގަޅު ނޫން އިރު، ދަނޑުމަތީގައި ކަންކަމާއި ކުރިމަތިލުމަކީ ފަސޭހަ ކަމެއް ނޫން،" ތިއެރީ ހެންރީ ބުނެފައި ވެއެވެ.

މި ސީޒަންގައި މެންޗެސްޓަރ ސިޓީގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އާސެނަލްއާއި ދެކޮޅަށް ކުޅުނު މެޗުން 5-1 އިން ބަލިވެފައިވާއިރު، މިހާރު ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާއި 12 ޕޮއިންޓުގެ ތަފާތެއް އެބައޮތެވެ.

ގާޑިއޯލާ އަދި ކްރިސްޓީނާ ސެރާގެ ގުޅުން ފެށުނީ ގާޑިއޯލާ އަށް 18 އަހަރު ވީއިރުއެވެ. މި ދެމަފިރިންގެ ތިން ދަރިން އެބަތިއްބެވެ. ކައިވެނީގައި ރެނދު ލާފައިވާތާ އަހަރުތަކެއް ވެއްޖެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%