އެމެރިކާއިން އދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލާއި ގުޅުން ކަނޑާލައި، ފަލަސްތީނަށް އެހީވެދޭ އދ. ގެ ރިލީފް އޭޖެންސީ (އުންރުވާ) އަށް އެހީ ފޯރުކޮށްދިނުން ހުއްޓާލާނެ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.
މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅާއި ދިމާކޮށެވެ. ނަތަންޔާހޫއަކީ އުންރުވާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ، އެ އިދާރާއިން އިސްރާއީލާއި ދެކޮޅަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާ ބޭފުޅެކެވެ.
މީގެ އިތުރުން، ޓްރަމްޕް ވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ޕެރިހުގެ މޫސުމާއި ބެހޭ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް އަމުރު ކުރައްވާފައެވެ. އަދި އެމެރިކާގެ އެހީގެ މަސައްކަތްތައް ހިންގާ ބޮޑު އޭޖެންސީ ކަމަށްވާ ޔޫއެސްއެއިޑްގެ މައި އޮފީސް ވެސް ވަނީ ބަންދުކޮށްފައެވެ.
2022 ވަނަ އަހަރު އެމެރިކާއިން އުންރުވާ އަށް 344 މިލިއަން ޑޮލަރު ޚަރަދު ކޮށްފައި ވެއެވެ.









