ރޭ ރުމޭނިޔާގެ އެފްސީއެސްބީ އާ ދެކޮޅަށް ކުޅެ 2-0 އިން އެ ޓީމު ބަލިކޮށް، މެންޗެސްޓަރ ޔުނައިޓެޑުން 18 ޕޮއިންޓާއެކު ޔޫރަޕް ލީގުގެ ދެވަނަ ބުރުން ސީދާ ޖާގައެއް ކަށަވަރު ކޮށްފިއެވެ.
ރޭގެ މޮޅާއެކު ޔުނައިޓެޑަށް 8 މެޗުން 18 ޕޮއިންޓް ލިބި ތާވަލުގެ ތިންވަނަ މަޤާމު ލިބުނީއެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ 60 ވަނަ މިނެޓުގައި ޑިއޮގޯ ޑަލޮޓްއެވެ. އޭނާ މި ލަނޑު ޖެހީ ޒުވާން މިޑްފީލްޑަރު ކޮބީ މައިނޯ ދިން ބޯޅައަކުންނެވެ. އޭގެ 8 މިނެޓު ފަހުން ކޮބީ މައިނޯ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ 2-0 އަށް ބަދަލު ކުރިއެވެ. މިއީ މި ސީޒަނުގައި މައިނޯ އޭނާގެ ކްލަބަށް ޖެހި ފުރަތަމަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑްގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވިއެވެ. މީގެ އެއް ސަބަބަކީ ކޯޗު އަމޮރިމް ގެނައި ބަދަލުތަކެވެ. އޭނާ ވަނީ ދެވަނަ ހާފު ފެށުނުއިރު ދިއާލޯ އާއި ގަރްނާޗޯ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އަރުވާފައެވެ.
އެފްސީއެސްބީ މި މެޗުން ބަލިވި ނަމަވެސް، އެ ޓީމަށް ވަނީ 8 މެޗުން 14 ޕޮއިންޓް ހޯދައި 11 ވަނަ މަޤާމު ހޯދާފައެވެ. މިއާއެކު އެފްސީއެސްބީ އަށްވެސް ވަނީ ޕްލޭއޮފްގެ ފުރުސަތު ލިބިފައެވެ.
މި އަހަރުގެ ޔޫރޮޕާ ލީގު ކުރިއަށްދަނީ އައު ފޯމެޓަކަށެވެ. ޖުމުލަ 36 ޓީމު ބައިވެރިވާ މި މުބާރާތުގެ ފުރަތަމަ ބުރުގައި ކޮންމެ ޓީމަކުން 8 މެޗު ކުޅެއެވެ. މީގެ ތެރެއިން އެންމެ މަތީ 8 ޓީމަށް ދެވަނަ ބުރުގެ ސީދާ ޖާގަ ލިބޭއިރު، 9 ވަނައިން 24 ވަނައަށް ދާ ޓީމުތަކަށް ދެވަނަ ބުރަށް ކޮލިފައިވުމަށް ޕްލޭއޮފް މެޗެއް ކުޅެން ޖެހެއެވެ.









