ޔޫއޭފާ ޗެމްޕިއަންސް ލީގުގައި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ އިން ބެލްޖިއަމްގެ ކްލަބް ބްރޫޖާއި ދެކޮޅަށް މިރޭ ކުޅޭ މެޗުން ބަލިވެއްޖެނަމަ މުބާރާތުގެ ނޮކްއައުޓް ބުރަށް ނުގޮސް ގްރޫޕް ސްޓޭޖުން ކަޓާނެ އެވެ.
މި ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެމުންދަނީ އައު ފޯމެޓަކަށެވެ. މި ފޯމެޓުން މުބާރާތުގެ ގަދަ 8 ޓީމް ސީދާ ނޮކްއައުޓް ބުރަށް ދާނެއެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ސިޓީ މިވަގުތު އޮތީ 8 ޕޮއިންޓާއެކު ތާވަލުގެ 25 ވަނައިގައެވެ. ނަމަވެސް، މިރޭ މޮޅުވެގެން ސިޓީއަށް ނޮކްއައުޓްބުރުގެ ޕްލޭއޮފަށް ދެވޭނެ އެވެ.
"އަހަރެމެންނަށް މިއޮތް ހާލަތުން މެޗުން މޮޅުވާން ޖެހޭ އަދި އެކަން ނުކުރެވިއްޖެ ނަމަ މި މުބާރާތުގައި ކުރިއަށް ނުދާނެ،" މެޗުގެ ކުރިން ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ. އެކަމަކު އެއީ މައްސަލައެއް ނޫން ކަމަށާއި، ލިބިފައި އޮތް ފުރުސަތުގައި މި ގޮންޖެހުމާއި ކުރިމަތިލާން ތައްޔާރަށް އޮތްކަމަށް ގާޑިއޯލާ އިތުރަށް ބުނެފައިވެ އެވެ.
މި ސީޒަނުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ސިޓީން ވަނީ މި ޖަނަވަރީ ޓްރާންސްފަރ ވިންޑޯގައި ޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ތިން ކުޅުންތެރިއެއްގެ ސޮއި ހޯދާފައެވެ. މީގެ އިތުރުން އާޖެންޓީނާގެ ރިވަރ ޕްލޭޓަށް ލޯން އުސޫލުން ކުޅެމުން އަންނަ ޒުވާން އުއްމީދީ ފޯވަރޑް ކްލައުޑިޔޯ އެޗަވޭރީ، ދެކުނު އެމެރިކާ ބައްރުގެ 20 އަހަރުން ދަށުގެ މުބާރާތަށްފަހު ޓީމާއި ގުޅުމުން ސިޓީއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުލިބިގެން ދާނެ ކަމަށް ގާޑިއޯލާ އުއްމީދު ކުރެއެވެ.
މި ފަހަކަށް އައިސް “ހާލު ދެރަ" ސިޓީ މިރޭ ބަލިވެއްޖެނަމަ މިފަހަރުގެ ލީގާއި ވަކިވާން ޖެހޭތީ، މިރޭގެ މެޗަކީ މިފަހަރުގެ ލީގުގައި ދިރިހުރުމާއި މަރު ކަނޑައެޅުމަށް ކުރިމަތިވާ އިމްތިޙަނެކެވެ.
މިމެޗް ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 1:00 ގައެވެ.









