ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު، ފުލުހުންނަށް އަގުހުރި ތިން ނަޞޭޙަތެއް ދެއްވައިފިއެވެ. ފުލުހުންނަށް ސީޕީ ޝުޖާޢު މި ނަސޭޙަތްތައް ދެއްވީ، ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރި އޮފިސަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސީޕީގެ ފުރަތަމަ ނަޞޭޙަތަކީ ޑިއުޓީ އަދާކުރާއިރު ޑިއުޓީގެ ބޭނުމަށް މެނުވީ މޯބައިލް ފޯނު ބޭނުން ނުކުރުމެވެ. ޝުޖާއު ވިދާޅުވީ މަގުމަތިން ފުލުހުން ފެންނައިރު ވެސް ތިބެނީ ފޯނަށް ގެއްލިފައި ކަމާއި މަގުމަތީގައި ހިނގާ އެއްވެސް ކަމަކަށް ފަރުވާ ނުބަހައްޓާ ކަމުގެ ޝަކުވާ އާންމު ރައްޔިތުންގެ ފަރާތުން ލިބޭ ކަމަށެވެ.
ދެވަނަ ނަޞޭޙަތަކީ ރައްޔިތުންނާއި އަބަދުވެސް ރިވެތިކޮށް މުޢާމަލާތް ކުރުން ކަމަށް ވިދާޅުވެ، "ރައްޔިތުންނާއި ރިވެތި ބަހުން ވާހަކަ ނުދެއްކޭނެ އެއްވެސް ހާލަތެއް އައިސްގެން ނުވާނެ" ކަމަށާއި ރައްޔިތުންނަށް ވުރެ ވަކިން މާތްކޮށް ވާހަކަ ދައްކަންޖެހޭ އިތުރު ބަޔަކު ނުތިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ..
މީގެ އިތުރުން ތިންވަނަ ނަޞޭޙަތަކީ ފުލުހުންނަށް ލިބިދޭ ޤާނޫނީ ބާރުތައް ޒިންމާދާރުކަމާއެކު ބޭނުން ކުރުމެވެ. ޝުޖާއު ވިދާޅުވީ ފުލުހުންނަށް ޤާނޫނީ ގޮތުން ލިބިދޭ ބާރަކީ ހިތުހުރި ގޮތަކަށް ބޭނުންކުރަންޖެހޭ ބާރެއް ނޫން ކަމަށާއި، އަބަދުވެސް ބަލަން ވާނީ ބާރުގެ ބޭނުން ނުކޮށް ދިމާވާ ކަންކަން ހައްލުކުރުމަށް ކަމަށް ވިދާޅުވިއެވެ.









