ސިޓީގެ ޑިފެންޑަރު ކައިލް ވޯކަރ އޭސީ މިލާނަށް ބަދަލުވެއްޖެ

ހުސައިން އިސްމާއިލް | 96 ދުވަސް ކުރިން - 25 ޖެނުއަރީ 2025 13:33
ޚުލާސާ

ސިޓީއަށް 319 މެޗު ކުޅުނު ވޯލްކާގެ ކެޕްޓަންކަމުގައި އެ ޓީމުން ވަނީ ހަތަރުވަނަ ފަހަރަށް ވިދިވިދިގެން ޕްރިމިއަރ ލީގް ކާމިޔާބުކޮށް، ސުޕަރ ކަޕާއި ކްލަބް ވޯލްޑް ކަޕް ހޯދާފަ.

މެންޗެސްޓަރ ސިޓީގެ އިނގިރޭސި ޑިފެންޑަރު ކައިލް ވޯކަރ، އިޓަލީގެ އޭސީ މިލާނަށް 2024/25 މޫސުމުގެ ނިޔަލަށް ބަދަލުވެއްޖެއެވެ.

34 އަހަރުގެ ވޯކަރ ސިޓީއާ ގުޅުނީ 2017 ވަނަ އަހަރުގެ ކުރީކޮޅު ޓޮޓެންހަމް ހޮޓްސްޕަރއިންނެވެ. އޭގެފަހުން އޭނާ ވަނީ ސިޓީއަށް 319 މެޗު ކުޅެ، 6 ލަނޑު ޖަހައި، 17 މުބާރާތް ކާމިޔާބުކުރުމަށް އެހީތެރިވެފައެވެ.

މިި މުއްދަތުގައި ވޯކަރ ވަނީ ސިޓީއާއެކު 6 ޕްރިމިއަރ ލީގް މުބާރާތާއި، 4 ލީގް ކަޕާއި، 2 އެފްއޭ ކަޕާއި، 2 ކޮމިއުނިޓީ ޝީލްޑާއި، ޗެމްޕިއަންސް ލީގާއި، ސުޕަރ ކަޕާއި، ކްލަބް ވޯލްޑް ކަޕް ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ވޯކަރ އަކީ 2023/24 މޫސުމުގައި ސިޓީގެ ކެޕްޓަންކަން ކުރި ކުޅުންތެރިޔާއެވެ. އޭނާގެ ކެޕްޓަން ބޭންޑުގައި ސިޓީން ވަނީ ހަތަރުވަނަ ފަހަރަށް ވިދިވިދިގެން ޕްރިމިއަރ ލީގް ކާމިޔާބުކޮށް، ސުޕަރ ކަޕާއި ކްލަބް ވޯލްޑް ކަޕް ހޯދާފައެވެ.

މިހާތަނަށް ވޯކަރ ވަނީ އިނގިރޭސި ޤައުމީ ޓީމަށް 93 މެޗު ކުޅެފައެވެ. އޭނާ ވަނީ 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބައިވެރިވެ، ޔޫރޯ 2020 އަދި 2024 ގެ ފައިނަލަށް އިނގިރޭސިވިލާތް ގެންދިއުމަށް އެހީތެރިވެފައެވެ. ޔޫރޯ 2024 ގައި އޭނާއަކީ އިނގިރޭސި ޓީމުގެ ވައިސް ކެޕްޓަނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%