ފުލުހުން ބަލަމުން އަންނަ މައްސަލަތަކެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
އެތަނުން އެއް މައްސަލައަކީ މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލައެކެވެ.
އެ ސްޓޭޝަނުން ހޯދާ މީހަކީ ސ. ހުޅުދޫ، ރެޑިއަމްގެ، އަހްމަދު ސައީދު، 48 އެވެ.
ފުލުހުން ބުނީ މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވާ ކަމަށެވެ.
އޭނާއާ ގުޅޭ ގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުނެ އެވެ. އޭނާ ހޯދަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ. އަދި އަންނަ މަހު 6 ވަނަ ދުވަހުގެ ކުރިން މުލީ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އޭނާއަށް ވަނީ އަންގައިފަ އެވެ.
ދެވަނަ އަށް ހޯދަނީ ގދ، ތިނަދޫ، ދެނޫން، ނޫރުﷲ ނިޔާޒް ރަޝީދު، 26 އެވެ. އޭނާ ހޯދަނީ އައްޑޫ ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށެވެ.
ފުލުހުން ބުނީ އައްޑޫ ގަން ޕޮލިހުން ތަހުގީގުކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވާ ކަމަށެވެ.
އޭނާ ވެސް ހާޒިރުވާން އެންގީ ކޮން މައްސަލައެއްގެ ތަހުގީގަށް ކަމެއް ފުލުހުން އަދި ނުބުނެ އެވެ. އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ގަން ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އޭނާއަށް ވަނީ އަންގައިފަ އެވެ.









