ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލުން ފްރާންސްގެ ލިލް އާ ދެކޮޅަށް ކުޅެ 2-1 އިން މޮޅުވެ، ލީގުގެ 16 ވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ރޭ އެންފީލްޑްގައި މޮޅުވިއިރު، ލިވަޕޫލްގެ ކުޅިންތެރިން ޗެމްޕިއަންސް ލީގުގައި ވަނީ 100 ޕަސެންޓް ރެކޯޑެއް ހިފަހައްޓާފައެވެ. 36 ޓީމުގެ ތާވަލުގައި ލިވަރޕޫލް މިހާރު ވަނީ 21 ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައިވާ ބާސެލޯނާއަށްވުރެ ތިން ޕޮއިންޓް ކުރިއަށް ގޮސްފައިވާއިރު، އަދި އެއް މެޗު ބާކީ އެބައޮތެވެ.
ލިވަރޕޫލްގެ ފުރަތަމަ ލަނޑު ޖެހީ މުހައްމަދު ސަލާހެވެ. 34 ވަނަ މިނެޓުގައި ކަރޓިސް ޖޯންސްގެ ތްރޫ ޕާހަކާއެކު ދުވެފައި ގޮސް، ސަލާހު ވަނީ ލިލްގެ ގޯލްކީޕަރު ލޫކަސް ޗެވަލިއަރު ގައިން ނައްޓާލާފައި ގޮސް ލަނޑު ޖަހާފައެވެ. މިއީ ސިއީ ސަލާހު ލިވަރޕޫލްގެ ޖާޒީގައި ޔޫރަޕިއަން މުބާރާތްތަކުގައި ޖެހި 50 ވަނަ ލަނޑެވެ.
59 ވަނަ މިނެޓުގައި ލިލްގެ އައިސާ މަންދީ ދެވަނަ ރީނދޫ ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން، 10 ކުޅުންތެރިންނާއެކު ކުޅުނު ލިލް ވަނީ 62 ވަނަ މިނެޓުގައި އެއްވަރުކޮށްފައެވެ.
ނަމަވެސް ލިވަރޕޫލް ގިނަ ވަގުތު ނުނަގައި، 67 ވަނަ މިނެޓުގައި ވަނީ ލީޑު އަލުން ހޯދާފައެވެ. ދެވަނަ ހާފުގައި ރަޔަން ގްރެވެންބާޗްގެ ބަދަލުގައި ނެރުނު ހާވީ އެލިއަޓް ވަނީ ބޮކްސްގެ ކައިރިން ޖެހި ބާރުގަދަ ޝޮޓެއް ގޯލަށް ވައްދާލާފައެވެ. މި ލަނޑާއެކު ލިވަރޕޫލް ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗާއެކު ލިވަރޕޫލް ވަނީ ޗެމްޕިއަންސް ލީގުގެ އާ ފޯމެޓުގައި ހޯމްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ. އެންމެ ފަހުން ލިވަރޕޫލްގެ ހޯމްގައި ކުޅެ، ބަލިނުވެ ދިޔަ ޓީމަކީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެޓަލާންޓާއެވެ. އޭގެ ފަހުން ލިވަރޕޫލް ވަނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި ވިދިވިދިގެން 11 މެޗު ކާމިޔާބުކޮށް، 24 ލަނޑު ޖަހައިފައެވެ.









