ހިންދޫ ދީނުގެ ހާމުދުރަކު ރާއްޖެ އައިސް، ރޫހާނީ ފަރުވާ ދޭން އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ "މާސްޓަ ދުރްގާ ރާއޯ ގުރުޖީ" ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
"ދިވެހިންގެ ސަގާފަތާއި ދީނާ ހިލާފު މިފަދަ ކަންކަމުގެ މައުލޫމާތު އެކަކު އަނެކަކާއި ހިއްސާކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން. އެހެންކަމުން، މިފަދަ އިޝްތިހާރެއް ފެނިވަޑައިގަންނަވައިފި ނަމަ ލަސް ނުކުރައްވައި ފުލުހުންނަށް އަންގަވައިދެއްވުން އެދެން،" ފުލުހުން ބުންޏެވެ.
"މާސްޓަ ދުރްގާ ރާއޯ ގުރުޖީ" ކިޔާ ފޭސްބުކް ޕޭޖެއްގައި ޖަހާފައިވާ އެ އިޝްތިހާރުގައި ބުނީ އެ މީހާއަކީ ފާލު ބެލުމުގެ ފަރުވާތައް ދޭ މީހެއް ކަމަށެވެ. އަދި އެ މީހާ އަށް އެޕޮއިޓްމަންޓް ހެއްދުމަށް ރާއްޖޭގެ ފޯނު ނަންބަރެއް ވެސް އެ އިޝްތިހާރުގައި ހިމަނާފައިވާއިރު، އޭނާ މިވަގުތު ހުރީ ރާއްޖޭގައި ކަމަށް ވެސް އެ ޕޭޖުގައި ޖަހާފައިވާ އިޝްތިހާރު ތަކުގައި ބުނެފައިވެ އެވެ.
މީގެކުރިން 2023 ވަނަ އަހަރު ވެސް ހިންދޫ ދީނުގެ މީހަކު މާލޭގައި އެ ދީން ފަތުރަން ހަރަކާތްތަކެއް ބާއްވަން އުޅުނު މައްސަލައެއް ފެންމަތިވެ، އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހެޅި އެވެ.









