ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަހުގީގީ އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރު ކުރުމަށް ޓަކައި އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ތަމްރީނުދޭ މަރުކަޒުތަކާއެކު އެއްބަސްވުން ތަކެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުން ތަކުގައި ސޮއިކޮށްފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ވަފުދެއް މިމަހުގެ 12 އިން 17 އަށް އިންޑިއާއަށް ކުރި ދަތުރުގެ ތެރެއިންނެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން އިސްކޮށް ހުންނެވި މި ވަފުދުގައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ފާއިޒް އަދި އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިޝާމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުންތަކުގެ ދަށުން، ޚާއްސަ ތަހުގީގުތަކާއި، ސައިބަރ ފޮރެންސިކްސް، އަދި އިންޓެލިޖެންސްގެ ދާއިރާ ތަކުން މަތީ ފެންވަރުގެ ތަމްރީނުތައް ލިބުމުގެ އިތުރުން، ދިވެހިރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފޮރެންސިކް ލެބޯރެޓަރީއެއް ގާއިމު ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
މި ދަތުރުގައި ވަފުދުން ބައްދަލުކުރެއްވި މުއައްސަ ސާތަކުގެ ތެރޭގައި ހައިދަރާބާދުގެ ނޭޝަނަލް ޕޮލިސް އެކަޑަމީ (އެންޕީއޭ)، ގުޖުރާތުގެ ނޭޝަނަލް ފޮރެންސިކް ސައިންސް ޔުނިވަރސިޓީ (އެންއެފްއެސްޔޫ) އަދި ރަޝްޓްރިޔާ ރަކްޝާ ޔުނިވަރސިޓީ (އާރްއާރްޔޫ) ހިމެނެއެވެ.
އެއްބަސްވުންތަކުގެ ދަށުން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ)ގެ މަންހަޖު އެކްރެޑިޓް ކުރުމާއި، މުދައްރިސުން ބަދަލު ކުރުމާއި ޓެކްނިކަލް އެހީތެރިކަން ލިބިގެންދާނެއެވެ. އަދި އެންއެފްއެސްޔޫން ދިވެހިރާއްޖޭގައި ކެމްޕަހެއް ގާއިމު ކުރުމަށް ހުށަހަޅުއްވާފައިވާ ކަމަށާއި ޒަމާނީ ޑިޖިޓަލް ފޮރެންސިކް ލެބޯރެޓަރީއެއް ތަރައްގީކުރުމަށް އެހީތެރިވުމަށް ވެސް އެއްބަސްވެފައި ވެއެވެ.
މީގެއިތުރުން، އާރްއާރްޔޫއިން ފުލުހުންގެ 5 އޮފިސަރުންނަށް ސްކޮލަރޝިޕް ފުރުސަތު ދިނުމަށާއި، ދެ ކެމްޕަހުގައި ކިޔަވައިދޭ ކޯސްތަކާއި، މާލީ ކުށްތަކާއި ކަނޑުގެ ސަލާމަތާ ގުޅޭ މަތީފެންވަރުގެ ތަމްރީނުތައް ހިންގުމަށް އެއްބަސްވެފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އެއްބަސްވުންތަކަކީ އެ ޚިދުމަތުން ފުލުހުންގެ މަސައްކަތުގެ މިންގަނޑުތައް ޒަމާނީ ކުރުމަށާއި، އޮޕަރޭޝަނަލް އަދި ތަހުގީގީ ގާބިލުކަން އިތުރު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅު ތަކެއް ކަމަށެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހި ފުލުހުންނަށް ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި، ޒަމާނީ ތަޙުޤީޤީ އާލާތްތަކާއި ޓެކްނޮލޮޖީއާއި އަހުލުވެރިވުމުގެ ފުރުޞަތު ލިބުމާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާކާރުންގެ އިރުޝާދު ލިބުން ހިމެނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ފޮރެންސިކް ދާއިރާ ކުރިއެރުވުމަށް މަގު ފަހިވެގެންދާނެ ކަމަށް ވެސް ފުލުހުން ފާހަގަ ކުރައްވައެވެ.
މި އެއްބަސްވުން ތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި އިންޑިއާގެ ތަމްރީނުދޭ މަރުކަޒުތަކާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ސަލާމަތީ ދާއިރާގެ ތަޖުރިބާ ޙިއްސާ ކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުޞަތެއް ކަމުގައި ވެސް ފުލުހުން ފާހަގަ ކުރިއެވެ.
އަދި މި އެއްބަސްވުން ތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ކުރިމަތިލުމުގެ ޤާބިލުކަން އިތުރުވެ، ރާއްޖޭގެ ރައްޔިތުންނަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.









