މެންޗެސްޓަރ ޔުނައިޓެޑްގެ ތާރީޚުގައިވެސް އެންމެ ދަށް ޓީމު އޮތީ މިހާރު ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ. އޭނާ މިހެން ބުނީ ޕްރިމިއަރ ލީގުގައި ބްރައިޓަން ހޯވް އެލްބިއޯން އަތުން 3-1 އިން ބަލިވުމަށްފަހުގައެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ބަލިވުމާއެކު، ޔުނައިޓެޑް ވަނީ އަނެއްކާވެސް ބަލިވުމުގެ ޓްރެކަށް ފުރޮޅާލާފައެވެ. މީގެ ކުރިން ކުޅުނު ދެ މެޗުގައި ލިވަޕޫލާއި އާސެނަލްއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައިވާތީ، ޓީމު ހަމައަކަށް އެޅިދާނެ ކަމަށް ބެލެވުނެވެ.
"… މި ޓީމަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ތާރީޚުގައި ވެސް އޮތް އެންމެ ދަށް ޓީމަށް ވެދާނެ،" އަމޯރިމް ބުންޏެވެ. "އެކަމަކު އަހަރެން މި ކުޅުވާ ގޮތް ބަދަލެއް ނުކުރާނަން ކޮންމެ ގޮތެއް ވިޔަސް ހެޔޮ."
ނޮވެމްބަރު މަހު ޔުނައިޓެޑާއި ހަވާލުވި އަމޯރިމް ބުނެފައިވަނީ މި ނަތީޖާތަކުން ޔުނައިޓެޑްގެ ކުރީގެ ކޯޗު އެރިކް ޓެން ހާގަށް ވުރެ އޭނާ ހުރެގެން ބަލިވި މެޗުތައް ގިނަ ވެދާނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ ނޫސްވެރިން މި ވާހަކަތަކުން ސުރުޚީތައް ހަދާނެކަން އެނގޭ ކަމަށާއި، އެހެންނަމަވެސް އޭނާ މި ވާހަކަ ދައްކަނީ ހަޤީޤަތާއި ކުރިމަތިލައި، މި ހާލަތު ބަދަލުކުރުމުގެ މަޤްޞަދުގައި ކަމަށެވެ.
ޔުނައިޓެޑްގެ ކޯޗުކަމުގައި އަމޯރިމް ނުކުތް 15 މެޗުގެ ތެރެއިން ހަތް މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. މިހާރު ޕްރިމިއަރ ލީގު ތާވަލުގައި ޔުނައިޓެޑް އޮތީ 13 ވަނައިގައެވެ.









