ދިވެހި ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 39 ވަނަ ބުރު މިއަދު ފަށައިފިއެވެ. މި ތަމްރީނު ކުރިއަށްދަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، 17 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި އަސާސީ ތަމްރީނު ކޯހުގައި ޖުމްލަ 210 ފުލުހުން ބައިވެރިވެފައިވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 48 އަންހެން ފުލުހުންނާއި 162 ފިރިހެން ފުލުހުންނެވެ. މިއީ ކުރީގެ 38 ވަނަ ބުރުގައި ބައިވެރިވި 140 ފުލުހުންނާ އަޅާބަލާއިރު އިތުރުވުމެކެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ، ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާއި ގުޅުންހުރި އެހެނިހެން ބައިތައްބވެސް ކިޔަވައިދެވޭނެއެވެ.
މިހާރު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 147 ރަށެއްގައި ޤާއިމުވެ ޚިދުމަތްދެމުންނެވެ. އަދި 2026 ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕޮލިސް ޕޯސްޓުތައް ހުޅުވައި ޚިދުމަތް ފެށުމަށް އެ ޚިދުމަތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.









