ވިލިމާލޭގައި މޫދަށް އެރި އުޅެނިކޮށް އޮޔާ ދިޔަ ދިވެއްސަކު މިއަދު 15:55 ހާއިރު ސަލާމަތް ކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، އޮޔާ ދިޔަ މީހާ ފުރަތަމަ ނަގާފައިވަނީ އެމްޓީސީސީގެ ފެރީއަކަށެވެ. އޭގެ ފަހުން އިތުރު ފަރުވާއަށްޓަކައި އޭނާ ވަނީ މާލެ ގެނެސްފައެވެ. ހޮސްޕިޓަލުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިހާރު އެ މީހާގެ ހާލަތު ސްޓޭބަލްވެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ އެމްޓީސީސީގެ ފެރީއަކުން ކަނޑުން މީހުން ސަލާމަތްކުރަން މަސައްކަތްކުރާ މަންޒަރެވެ. މޫދުގައި ދެ މީހަކު އޮތެވެ. ނަމަވެސް އޮއެ ބާރުކަމުން އެ ފެރީއަށް މީހުން ނުނެގި އުޅެނިކޮށް، ފުލުހުންގެ ލޯންޗެއް އައިސް މީހުން ސަލާމަތްކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މެރިން ޕޮލިހުންގެ ލޯންޗަށް ނަގާފައިވަނީ އެ މީހާ ސަލާމަތްކުރަން ދިޔަ ދެ މީހުންނެވެ.
މި ހާދިސާއަކީ ފަހަކަށް އައިސް ކަނޑުމަތީގައި ހިނގާފައިވާ ހިތާމަވެރި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ. މިފަދަ ހާދިސާތައް ތަކުރާރުވަމުން ދާތީ، ކަނޑުމަތީގެ ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ކެނޑިނޭޅި އިރުޝާދު ދެމުންކަން ފާހަގަ ކުރެވެއެވެ.









