ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސަލީމް (މާޒް) އަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ބަޔާނެއްގައި ބުނެފައިވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ރޭ އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މާޒް ސަލީމަކީ މިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް އިންތިޚާބުގެ ދެވަނަ ބުރުގައި އޭނާ ވަނީ އެމްޑީޕީއަށް ތާއީދުކޮށް އެ ޕާޓީގެ ކެމްޕޭނާއި ގުޅިވަޑައިގެންފައެވެ. އޭގެ ފަހުން އެމްޑީޕީއަށް ސޮއިކުރައްވައި، އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވިއެވެ.