ޕީއެންސީއަކީ ނަޒާހަތްތެރި ޕާޓީއެއް ކަމަށާއި، އެމްޑީޕީން ކުރާ ވައްކަމުގެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
މި ޖަލްސާގައި އެމްޑީޕީ މެންބަރުން ވަނީ ޕީއެންސީއަކީ ވައްކަން ކުރާ ޕާޓީއެއް ކަމަށާއި ވަގަށް މެންބަރުން ޕާޓީއަށް ވައްދަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ފަލާޙް ވިދާޅުވީ ވައްކަން ކުރުމަކީ އެމްޑީޕީ ފެށުނީއްސުރެ ހަރުލާފައިވާ ސިފައެއް ކަމަށާއިވ ޕީއެންސީއަކީ ރައްޔިތުންނަށް ނަޒާހަތްތެރި ޕާޓީއެއް ކަމަށެވެ.
"އެމްޑީޕީއަށް އެނގިވަޑައިގަންނަވާނެ ވަގަށް ކަންކަން ކުރަންވީ ގޮތް ވަރަށް ރަނގަޅަށް. އެމްޑީޕީއަކީ އުފެދުމުގަވެސް މިކަމުގައި ވަރަށް ފަރިތަކޮށް ވައްކަންކުރަން ދަސްވެފައި އޮތް ޕާޓީއެއް." ފަލާޙް ވިދާޅުވިއެވެ.
ފަލާޙް އިތުރަށް ވިދާޅުވި ގޮތުގައި ޕީއެންސީން 75,000 މެންބަރުން ހަމަކުރީ ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. މެންބަރުން ހޯދުމުގައި މިވީހާ ތަނަށް ޕާޓީން ވައްކަމެއް ކޮށްފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕީއެންސީއަށް މެންބަރުން ވެއްދުމުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެކަމުގެ ޔަޤީންކަން ފަލާޙް ވަނީ ޕީއެންސީގެ މެންބަރުންނަށް އަރުވާފައެވެ.









