ފުލުހުން ބަލަމުންދާ މައްސަލައެއްގައި ތަހުގީގަށް ހާޒިރުވުމަށް ޓިކްޓޮކްގެ މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ އާއިޝަތު ޝަހުމާ (އުމުރުން 27 އަހަރު) އަށް އަންގައިފިއެވެ.
ފުލުހުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ސުވާލުކުރުމަށް ޝަހުމާ ހާޒިރުކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަނީ ކަމަށެވެ.
ފުލުހުން އިއުލާނުގައި ބުނެފައިވާ ގޮތުގައި، ޝަހުމާގެ ދާއިމީ އެޑްރެހަކީ ޏ. ފުވައްމުލައް/ މިސްކިތްމަގު، މީޓް އެވެ. އަދި އޭނާއަށް އަންގަނީ މި މަހުގެ 21 ވަނަ ދުވަހުގެ 14:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށެވެ.
ޝަހުމާ އަކީ ޓިކްޓޮކްގައި ހަރަކާތްތެރިކަމާއެކު ކޮންޓެންޓް އުފައްދާ ފަންނާނެކެވެ. އޭނާގެ ޓިކްޓޮކް އެކައުންޓަށް ގިނަ އަދަދެއްގެ ފޮލޯވަރުން ލިބިފައިވެއެވެ.









