ބާސެލޯނާ އިން ރޭ އެ ޓީމުގެ އަމިއްލަ ދަނޑު ކެމްޕް ނޯއުގައި ކުޅުނު ކޮޕާ ޑެލް ރޭގެ ދެވަނަ ބުރުގެ މެޗުގައި ރެއާލް ބެޓިސް އާ ކުރިމަތިލައި 5-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލަށް ގޮސްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން މޮޅަށް ކުޅެ މެޗު ޑޮމިނޭޓްކުރިއެވެ. މެޗު ފެށިގެން ތިންވަނަ މިނެޓުގައި ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ގަވީ ވަނީ އެޓީމަށް ލީޑު ހޯދައިދީފައެވެ. އަދި 27 ވަނަ މިނެޓުގައި ޑިފެންޑަރު ޖޫލްސް ކޫންޑޭ ވަނީ ބާސެލޯނާގެ ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޫންޑޭ އިތުރު ލަނޑެއް ޖަހާފައިވީ ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއްކަމަށް ނިންމާފައެވެ.
ދެވަނަ ހާފުގައި ބާސެލޯނާ އިން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް، އެޓޭކުތައް ވަރުގަދަކުރިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން 58 ވަނަ މިނެޓުގައި ރަފީނިއާ، 67 ވަނަ މިނެޓުގައި ފެރާން ޓޮރޭސް އަދި 75 ވަނަ މިނެޓުގައި ލަމީން ޔަމާލް ވަނީ ބާސެލޯނާއަށް އިތުރު ތިން ލަނޑުތައް ކާމިޔާބުކޮށްދީފައެވެ. ބެޓިސްގެ ހަމައެކަނި ލަނޑު 85 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ވިކްޓަރ ރޯކޭ ވަނީ ކާމިޔާބުކޮށްދީފައެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލްއެވެ.









