ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ސިލްސިލާ ޕްރޮގްރާމުތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް މާލޭގައި ފަށައިފިއެވެ.
މި ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހުޅުމާލެ ޕޮލިސް ކޮމާންޑު ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާޢޫދުއެވެ. މި ރަސްމިއްޔާތުގައި މާލެ ޕޮލިސްގެ ހެޑް އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް ޢާސިމް އަބްދުﷲ އާއި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރުގެ އިތުރުން ޑިޕާޓްމަންޓުތަކުގެ އިސްވެރިން ބައިވެރިވެލެއްވި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ޕްރޮގްރާމަކީ ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާއި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މިހާރުވެސް ހަރަކާތްތެރިވާ މީހުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާޢިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާޢިދުތަކާ ގުޅޭގޮތުން މަޢުލޫމާތު ދޭނެކަމަށް ފުލުހުން ބުންޏެވެ. އަދި އެކްސިޑެންޓުތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ޙައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުންނާއި އެފަދަ ޙާލަތުގައި ޑްރައިވަރުންގެ ޢަމަލުތައް ބަހައްޓަންވީގޮތާ ގުޅޭގޮތުން ވެސް މަޢުލޫމާތުދޭނެ ކަމަށް ފުލުހުން ބުންޏެވެ.
މިއަދުން ފެށިގެން މި މަހުގެ 15 އަށް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި 309 ޑްރައިވަރުން ބައިވެރިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.









