މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

އަހްމަދު އީޒާން | 182 ދުވަސް ކުރިން - 12 ޖެނުއަރީ 2025 16:04
ަޒަކާތު ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ. / ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސް
ަޒަކާތު ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ. / ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސް
ޚުލާސާ

މީރާ އިން މިއަދު އާންމުކުރި އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ވަނީ 101.9 މިލިއަން ރުފިޔާ ލިބިފައި.

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާ އިން މިއަދު އާންމުކުރި އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ވަނީ 101.9 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ 2023 ވަނަ އަހަރު މުދަލު ޒަކާތަށް ލިބުނު 90.2 މިލިއަން ރުފިޔާއަށް ވުރެ 12.9 ޕަސެންޓްގެ އިތުރު ޢަދަދެކެވެ.

މިދިޔަ އަހަރު މުދަލު ޒަކާތަށް އެންމެ ބޮޑު ޢަދަދެއް ލިބިފައި ވަނީ ޖުލައި މަހުގައެވެ. އެއީ 15.5 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް އެންމެ ގިނައިން ބޮލަކަށް ބެހި ވެސް އަހަރެވެ. މާލެ އާއި ރަށްރަށުން ޖުމްލަ 3،183 މީހަކަށް، ބޮލަކަށް 4،000ރ. ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގައި ބަހާފައިވެއެވެ.

މުދަލު ޒަކާތުގެ ގޮތުގައި ބެހި ފައިސާގެ އިތުރުން، ޒަކާތު ފަންޑުން މިދިޔަ އަހަރު ބޭސްފަރުވާގެ އެހީއަށް ވެސް ބޮޑު ހޭދައެއް ކޮށްފައިވެއެވެ.

މުދަލު ޒަކާތުގެ މިހާރުގެ ނިސާބަކީ 9،240.35ރ. އެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގައި ޒަކާތުގެ ދާއިރާ ކުރިއެރުވުމުގެ މަޤުސަދުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި، އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޚާއްސަ އިދާރާއެއް ވެސް އުފައްދާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%