މެންޗެސްޓަރ ސިޓީން ލެންސްގެ ޑިފެންޑަރު އަބްދުކާދިރު ކުސަނޯފް ހޯދުމަށް 40 މިލިއަން ޔޫރޯގެ ފީއަކަށް އެއްބަސްވެއްޖެއެވެ. މިއީ ފާއިތުވެދިޔަ ހަތަރު ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ކްލަބުން އަޅާ މުހިންމު ފިޔަވަޅެކެވެ.
އުޒްބެކިސްތާނަށް އުފަން އުމުރުން 20 އަހަރުގެ ކުސަނޯފް ވެގެންދާނީ ޕްރިމިއަރ ލީގުގައި ކުޅޭ އުޒްބެކިސްތާނުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ކުސަނޯފް ލެންސްއަށް ބަދަލުވެފައިވަނީ މީގެ 18 މަސް ކުރިން ބެލަރޫސްގެ އެޖަޖެޓިކްއިން އެންމެ އެއް ލައްކަ ޔޫރޯގެ ފީއަކަށެވެ. އޭނާ ވަނީ މި ސީޒަނުގައި ފްރާންސްގެ ލީގުގައި 13 މެޗު ކުޅެފައެވެ.
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މި ސީޒަނުގައި ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. މިގޮތުން ރުބެން ޑިއާސް، ނަތަން އަކޭ އަދި ޖޯން ސްޓޯންސް ފަދަ މުހިންމު ކުޅުންތެރިންނަށް އަނިޔާވެފައިވެއެވެ.
މިހާރު ކުރިއަށްދާ ޖެނުއަރީ ޓްރާންސްފަރ މުއްދަތުގައި ސިޓީން އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދެއެވެ. މީގެ ތެރޭގައި ބްރެޒިލްގެ ޕަލްމޭރާސްގެ ޒުވާން ޑިފެންޑަރު ވިޓާ ރެއިޒް އަދި ޖަރުމަނުގެ އެއިންޓްރެކް ފްރެންކްފަޓަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް އޮމަރު މާމޫޝް ހިމެނެއެވެ.
ލެންސް އާއި ސިޓީން ކުސަނޯފް ވިއްކާލުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައިވާއިރު، މިހާރު ސިޓީން ގެންދަނީ ކުސަނޯފް އާއެކު ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ.









