މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރި ގޮތުގައި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު އެ އިދާރާއަށް 2.33 ބިލިޔަން ރުފިޔާ ބަލައިގަނެފައި ވެއެވެ. މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 4.7 ޕަސަންޓް އިތުރު އަދަދެކެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހަށް އަންދާޒާކުރި އަދަދަށްވުރެ 20.1 ޕަސަންޓް އިތުރު އަދަދެކެވެ.
މީރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީ، ގްރީން ޓެކްސް އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން، ޑިސެންބަރު 2024 ގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާކުރި މިންވަރަށްވުރެ 5.7 ޕަސަންޓް އިތުރުވެފައިވާކަމަށް މީރާއިން ފާހަގަކުރެއެވެ.
ޑިސެންބަރު މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 57.34 ޕަސަންޓް ނުވަތަ 1.33 ބިލިޔަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 378.55 މިލިޔަން ރުފިޔާއެވެ. އަދި އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 116.16 މިލިޔަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 109.46 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
Advertisement

މީރާއިން އިތުރަށް ހާމަކުރި ގޮތުގައި، ޑިސެންބަރު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ 17.5 ޕަސަންޓަކީ މީރާގެ އެންފޯސްމަންޓް ފިޔަވަޅުތަކުގެ ދަށުން ހޯދާފައިވާ އާމްދަނީއެވެ. އަދި މި މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 112.75 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.







