މެންޗެސްޓަރ ސިޓީން އިޓަލީގެ އިންޓަނޭޝަނަލް ކުޅުންތެރިޔާ ނިކޮލޯ ރޮވެއްލާ ހޯދުމަށް ލާޒިއޯއަށް އޮފަރެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
.މިއީ މި ސީޒަންގެ ކުރީކޮޅު ރޮޑްރީއަށް ލިބުނު ސީރިއަސް އިންޖަރީއާއި ގުޅިގެން އޭނާގެ ޖާގަ ފޫބެއްދުމަށް ކުރާ މަސައްކަތެކެވެ.
ބައެއް ފަރާތްތަކުން ރިޕޯޓުކުރާ ގޮތުގައި ސިޓީން މި ޖެނުއަރީ މަހުގައި ވެސް ބޮޑު އަގެއްގެ އޮފަރ އެއް ހުށަހަޅަފާނެއެވެ.
އަންގާރަ ދުވަހުގެ ރިޕޯޓުތަކުގައި ބުނެފައިވަނީ 23 އަހަރުގެ ރޮވެއްލާއަށް ސިޓީން 40 މިލިއަން ޔޫރޯގެ އޮފަރއެއް ހުށަހެޅުމަށް ވިސްނަމުންދާ ކަމަށެވެ. ރޮވެއްލާ ވަނީ މިދިޔަ ނޮވެމްބަރު މަހު އިޓަލީގެ ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް ކުޅެފައެވެ.
ރޮވެއްލާ މިހާރު ލާޒިއޯގައި ކުޅެމުންދަނީ ޔުވެންޓަސްއިން ދެ އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި ވަކި ޝަރުތުތަކެއް ފުރިހަމަވުމުން ދާއިމީކޮށް ގަންނަން ޖެހޭ ގޮތަށް ހިމަނާފައިވެއެވެ. ލާޒިއޯއިން ރޮވެއްލާ ދާއިމީކޮށް ގަތުމަށް 17 މިލިއަން ޔޫރޯ ދައްކަން ޖެހޭނެއެވެ.
މެންޗެސްޓަރ ސިޓީން 40 މިލިއަން ޔޫރޯގެ އޮފަރެއް ހުށަހަޅައިފިނަމަ، ލާޒިއޯއަށް 23 މިލިއަން ޔޫރޯގެ ފައިދާއެއް ލިބޭނެއެވެ.
ސިޓީން އިޓަލީގެ އަނެއް އިންޓަނޭޝަނަލް މިޑްފީލްޑަރު ސަމުއެލެ ރިއްޗީ ހޯދުމަށްވެސް މަސައްކަތްކުރާ ކަމަށް ބުނެވެއެވެ. އަންގާރަ ދުވަހުގެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން ރިއްޗީގެ އަގުވެސް 40 މިލިއަން ޔޫރޯ ހާތާނގައި ހުރި ކަމަށް ބެލެވެއެވެ.









