ކެނެޑާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ޖަވާދު | 284 ދުވަސް ކުރިން - 7 ޖެނުއަރީ 2025 15:00
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަމިއްލަފުޅު ޕާޓީގެ ޕްރެޝަރު ބޮޑުވުމާއި ގުޅިގެން.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަމިއްލަފުޅު ޕާޓީގެ ޕްރެޝަރު ބޮޑުވުމާއި ގުޅިގެން.
ޚުލާސާ

ޓްރޫޑޯއަށް އަމިއްލަފުޅު ޕާޓީގެ ތެރެއިން އިސްތިއުފާ ދެއްވުމަށް ޕްރެޝަރު ބޮޑުވެފައިވަނީ ޑިސެންބަރު މަހު ބޮޑުވަޒީރުގެ ނައިބު ކްރިސްޓިއާ ފްރީލެންޑް ކުއްލިއަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަމިއްލަފުޅު ޕާޓީގެ ޕްރެޝަރު ބޮޑުވުމާއި ގުޅިގެން މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ނަމަވެސް، އަމިއްލަފުޅު ލިބަރަލް ޕާޓީން އައު ބޮޑުވަޒީރަކު އައްޔަންކުރަންދެން އޮފީހުގައި މަޑުކުރައްވާނެ ކަމަށް ޓްރޫޑޯ ވަނީ ވިދާޅުވެފައެވެ.

ޓްރޫޑޯ ވިދާޅުވެފައިވަނީ ކުރިއަށް އޮތް އިންތިޚާބުގައި ޤައުމަށް ރަނގަޅު ލީޑަރަކު ބޭނުންވާ ކަމަށާއި، އެތެރޭގެ ހަނގުރާމަތައް ކުރަން ޖެހިއްޖެނަމަ އެ އިންތިޚާބުގައި އެންމެ ރަނގަޅު ކެންޑިޑޭޓަކަށް ނުވެވޭނެކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

މި އަހަރުގެ ފަހުކޮޅު ބާއްވާ ފެޑެރަލް އިންތިޚާބަށް ކެނެޑާއިން ތައްޔާރުވަމުންދާއިރު، ކެނެޑާގެ ރައްޔިތުންގެ މެދުގައި ޓްރޫޑޯއަށް އޮތް މަޤްބޫލުކަން ދަށްވުމަކީ ލިބަރަލް ޕާޓީއަށް ކާމިޔާބު ލިބުމަށް އޮތް ހުރަހެއް ކަމަށް ބެލެވެއެވެ.

ލިބަރަލް ޕާޓީގެ ރައީސް ސަޗިތު މެހެރާ ވިދާޅުވެފައިވަނީ ޕާޓީގެ އައު ލީޑަރަކު ހޮވުމުގެ މަސައްކަތް ފެށުމަށް ޕާޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއް މި ހަފުތާގައި ބާއްވާނެ ކަމަށެވެ.

ޓްރޫޑޯއަށް އަމިއްލަފުޅު ޕާޓީގެ ތެރެއިން އިސްތިއުފާ ދެއްވުމަށް ޕްރެޝަރު ބޮޑުވެފައިވަނީ ޑިސެންބަރު މަހު ބޮޑުވަޒީރުގެ ނައިބު ކްރިސްޓިއާ ފްރީލެންޑް ކުއްލިއަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފްރީލެންޑް އިސްތިއުފާ ދެއްވުމާ ގުޅިގެން ޓްރޫޑޯއަށް ކުރިން ލިބަރަލް ޕާޓީ ވެރިކަމުގައި ދެމިތިބުމަށް އެހީތެރިވި ޕާޓީތަކުގެ ތާއީދު ގެއްލުނެވެ.

ޓްރޫޑޯ އިސްތިއުފާ ދެއްވުމާ ގުޅިގެން، އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބާއްވަން ޖެހޭ ކުރިއަށް އޮތް އިންތިޚާބަށް ލިބަރަލް ޕާޓީން މިހާރު އައު ލީޑަރަކު ހޮވަން ޖެހޭނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%