ފީފާ ވޯލްޑް ކަޕްގައި ކެނެޑާ ކުޅުނު ފުރަތަމަ މެޗުގައި، ފަހަތުން އަރައި ބޮސްނިއާ އެންޑް ހެރްޒެގޮވީނާއާ 1-1 އިން އެއްވަރުކޮށް، ވޯލްޑް ކަޕްގެ ތާރީޚުގައި އެ ގައުމުން ފުރަތަމަ ޕޮއިންޓް ކާމިޔާބުކޮށްފިއެވެ.
ރާއްޖެ ގަޑިން ހުކުރު ދުވަހުގެރޭ ކެނެޑާގެ އަމިއްލަ ފަސްގަނޑުގައި ކުޅުނު މި މެޗުގެ 78 ވަނަ މިނެޓުގައި ކެނެޑާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސައިލް ލާރިންއެވެ. މިއީ މީގެ ކުރިން ވޯލްޑް ކަޕްގައި ކުޅުނު ހަ މެޗުން ވެސް ބަލިވެފައިވާ ކެނެޑާއަށް މި މުބާރާތުގައި ލިބުނު ފުރަތަމަ ޕޮއިންޓެވެ.
ޓޮރޮންޓޯގެ މަޝްހޫރު ސީ.އެން ޓަވަރުގެ ހިޔަލުގައި ހުންނަ ދަނޑުގައި ކުޅުނު މި މެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ރަތް ކުލައިގެ ހެދުމުގައި ގޮސް "ގޯ ކެނެޑާ" ގޮވަމުންދިޔަ އަޑު މުޅި ދަނޑުގައި ގުގުމަމުންދިޔައެވެ. މި މެޗު ބަލަން ހޮކީ ތަރި ކޮނާ މެކްޑޭވިޑްގެ އިތުރުން މަޝްހޫރު އެކްޓަރުން ކަމަށްވާ ރަޔަން ރެނޮލްޑްސް އަދި މައިކް މިޔާސް ވެސް ދަނޑަށް ހާޒިރުވެ ތިއްބެވެ.
ކެނެޑާގެ ކޯޗު ޖެސީ މާޝް މެޗަށްފަހު ވާހަކަދައްކަމުން ބުނީ، މެޗުގެ ދެވަނަ ހާފުގައި ސަޕޯޓަރުން ދިން ހިތްވަރާއި ފޯރީގެ ސަބަބުން ކުޅުންތެރިންނަށް ބޮޑު ހަކަތައެއް ލިބިގެންދިޔަ ކަމަށެވެ. އަދި އޭނާގެ ފޭވަރިޓް އެކްޓަރު މައިކް މިޔާސް މެޗު ބަލަން ހުރިކަން އެނގުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމަށް ވެސް މާޝް ބުންޏެވެ.
މެޗުގެ ކުރީކޮޅު ބޮސްނިއާއިން ލީޑު ނަގާފައިވަނިކޮށް، ލާރިން ލަނޑު ޖެހީ އޭނާ ކުޅެން އެރިތާ އެންމެ ދެ މިނެޓު ތެރޭގައި ޕްރޮމިސް ޑޭވިޑް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އާންމުކޮށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭ ލާރިން ބުނީ، ބެންޗުގައި އިނދެފައި މެޗުގެ ފަހު ވަގުތު ކުޅެން އަރައި ގައުމަށް މިފަދަ މުހިންމު ނަތީޖާއެއް ހޯދައިދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މި ނަތީޖާއާއެކު ކެނެޑާއިން ވަނީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި އާ ސަފުހާއެއް ލިޔެފައެވެ.









