އެއާޕޯޓް ޓެކްސްއަށް ގެނެވުނު ބަދަލާއި ގުޅިގެން ދައުލަތުގެ އާމްދަނީއަށް 274 މިލިއަން ރުފިޔާގެ އިތުރުވުމެއް އައިސްފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއަރޕޯޓް ޓެކްސް އާއި ފީގެ އަދަދު 2023 ވަނަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ބޮޑުކުރެވުނެވެ. މި ބަދަލާއެކު، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހެއްގެ އަތުން ނެގޭ އަދަދު 30 ޑޮލަރުން 50 ޑޮލަރަށް އިތުރުކުރެވުނެވެ. ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނެގޭ އަދަދު 50 ޑޮލަރުން 120 ޑޮލަރަށް، އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނެގޭ އަދަދު 90 ޑޮލަރުން 240 ޑޮލަރަށް އިތުރުކުރެވުނެވެ.
މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހުގެ ނިޔަލަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 988 މިލިއަން ރުފިޔާއެވެ. ނަމަވެސް 2024 ވަނަ އަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 1.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ހަމައެހެންމެ، އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އަދަދުވެސް 961 މިލިއަން ރުފިޔާއިން 1.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ.
މި ބަދަލުތަކާއި ގުޅިގެން ދައުލަތުގެ އާމްދަނީއަށް ޖުމްލަ 274 މިލިއަން ރުފިޔާގެ އިތުރުވުމެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހިންގެ 97.8 އިންސައްތަ އަދި ބިދޭސީންގެ 90.2 އިންސައްތަ ދަތުރުކޮށްފައިވަނީ އިކޮނޮމީ ކްލާހުގައެވެ.






