ފުލުހުން މީހަކު ހައްޔަރުކުރި މަންޒަރުގެ ފޮޓޯއެއް ނޫސްވެރިޔަކު ނެގުމުން، އެ ފޮޓޯ ގަދަކަމުން ޑިލީޓުކުރި ކަމަށް ބުނާ މައްސަލަ ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ނޫސްވެރިއަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފުލުހުން މީހަކު ހައްޔަރުކުރި މަންޒަރު ފެނިގެން އޭނާ ފޮޓޯ ނެގުމުން، އެ ފޮޓޯ ވަގުތުން ޑިލީޓު ކުރުމަށް ފުލުހުން އަމުރުކުރި ކަމަށެވެ. ނޫސްވެރިޔާ އެކަމަށް އިންކާރުކުރުމުން އޭނާ ހައްޔަރު ކުރަން ފުލުހުން އުޅުނު ކަމަށާއި، އޭގެ ސަބަބުން ފޮޓޯ ޑިލީޓު ކުރަން މަޖުބޫރުވި ކަމަށް ނޫސްވެރިޔާ ބުނެފައިވެއެވެ. އަދި ފޮޓޯ ޑިލީޓު ކުރުމަށްފަހުވެސް ފުލުހުން ނޫސްވެރިޔާގެ ފޯނު ނަގައި ބަލައި ޗެކްކުރި ކަމަށް ވެސް ނޫސްވެރިޔާ ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ ކުށުގެ ވެށީގައި ފުލުހުން ހަރަކާތްތެރިވާއިރު، އެ ތަނެއްގައި ފުލުހުން ކުރަމުންދާ މަސައްކަތަކީ އެ ހާލަތުގައި އެންމެ އިސްކަންދޭންވާނެ ކަމެއް ކަމަށެވެ. ނަމަވެސް، ކޮންމެ ހާލަތެއްގައި ވެސް ނޫސްވެރިންނަށް ކަނޑައެޅޭ ހިސާބެއްގައި ތިބެ މަންޒަރާއި މަޢުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ފުލުހުން ވެސް ދޭންވާނެ ކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ.
ޝިފާން އިތުރަށް ވިދާޅުވީ ނޫސްވެރިޔާ ރައްދުކޮށްފައިވާ ހާލަތަކީ ފުލުހެއްގެ ނުވަތަ ފުލުހުންތަކެއް ޢަމަލުކޮށްފައިވާ ގޮތާމެދު ހުށަހަޅާފައިވާ ޝަކުވާއެއްގެ ގޮތުގައި ބަލައި، އެކަން އިތުރަށް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑާ ހިއްސާކުރާނެ ކަމަށެވެ.









