ދާދި ފަހުން ވަޒީފާއިން ވަކިކުރެވުނު އިނގިރޭސި ރެފްރީ ޑޭވިޑް ކޫޓް (42) އަލުން ވަޒީފާ ހޯދުމަށް ލިބިފައިވާ އެޕީލްކުރުމުގެ ފުރުސަތު ދޫކޮށްލަން ނިންމައިފިއެވެ.
ކޫޓް ވަޒީފާއިން ވަކިކުރެވުނީ ދެ މައްސަލައަކާއި ގުޅިގެންނެވެ. އެއީ ލިވަޕޫލާއި އެ ޓީމުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕާ ބެހޭގޮތުން ވަރަށް ބޮޑަށް ފާޑުކިޔައި ބަދުބަސް ބުނާ ވީޑިއޯއެއްގެ މައްސަލައާއި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން ބޭނުންކުރާ ވީޑިއޯގެ މައްސަލައެވެ.
ކޫޓްގެ ވީޑިއޯގައި 2020 ވަނަ އަހަރު ލިވަޕޫލާއި ބާންލީ ކުޅުނު މެޗުގެ ވާހަކަ ދައްކައި، ކްލޮޕާ ބެހޭގޮތުން ބޭއަދަބީ ބަސް ބޭނުންކޮށް، ލިވަޕޫލާ މެދު ނަފްރަތު އޮތް މިންވަރު ދޭހަވާ ގޮތަށް ވާހަކަދައްކާފައިވެއެވެ. އަދި މި އަހަރުގެ ޔޫރޯ މުބާރާތުގައި ވީއޭއާރުގެ ގޮތުގައި މަސައްކަތްކުރި މެޗު ނިމުނުތާ އެއް ދުވަސް ފަހުން ނަގާފައިވާ ވީޑިއޯއެއްގައި ކޫޓް މަސްތުވާތަކެތި ބޭނުންކުރާ ތަން ފެނިފައިވެއެވެ.
ރެފްރީންގެ އިސް ޖަމިއްޔާ، ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ކޫޓްގެ ކޮންޓްރެކްޓް ނިމުމަކަށް ގެނައީ އެ ހުރިހާ ކަމެއް ބެލުމަށްފަހުގައެވެ. ކޫޓް ވަޒީފާއިން ވަކިކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ރެފްރީންގެ އިންޓަގްރިޓީ ހިފެހެއްޓުމަށް ކަމަށް ޕީޖީއެމްއޯއެލްއިން ބުނެފައިވެއެވެ.
ކޫޓްއަށް އޭނާގެ ހައްގުގައި ޕީޖީއެމްއޯއެލްގެ ނިންމުމާ ދެކޮޅަށް އެޕީލްކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އޭނާ ނިންމާފައިވަނީ ޕީޖީއެމްއޯއެލްގެ ނިންމުން ބަލައިގަތުމަށެވެ.
ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާއިން އަދިވެސް އަންނަނީ ކޫޓްގެ މި މައްސަލަތައް ތަޙުޤީޤު ކުރަމުންނެވެ.









