މާލޭގެ އަލިކިލެގެފާނު މަގުން ސައިކަލުގައި ދުއްވަމުންދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި ޙާދިސާ ހިނގާފައިވަނީ އިއްޔެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ސްކޫޕީ ސައިކަލެއްގައި ދުއްވަމުންދިޔަ އަންހެނަކާ އެއްހަމަކޮށް، ވޭވް ސައިކަލެއްގައި އައި ފިރިހެނަކު އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރިގަންނަ މަންޒަރެވެ. އެވަގުތު އަންހެން މީހާ ސައިކަލް މަޑުކޮށްލުމުން، ފިރިހެނާ ވެސް ސައިކަލް މަޑުކޮށް އަންހެން މީހާއާ ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް އަންހެން މީހާ ވަނީ ސައިކަލް ދޫކޮށްލުމަށްފަހު މަގުގެ އެއްފަރާތުން ހަނި ގޯޅިގަނޑެއްގެ ތެރެއަށް ވަދެފައެވެ. ފިރިހެނާ އަންހެން މީހާގެ ފަހަތުން ދިޔަ ނަމަވެސް، އޭނާއަށް އަންހެން މީހާ އަތުނުލެވުމުން އަވަހަށް ސައިކަލަށް އަރައިގެން ފިލައިގެން ގޮސްފައިވެއެވެ.
ފުލުހުންގެ ތަރުޖަމާން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހިމެނޭ ފިރިހެނާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ދުއްވި ސައިކަލް ވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފޭރުމުގެ މައްސަލައިގައި ހައްޔަރުކުރި މީހާ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޙަސަން އިސާމު (30އ) ވ. ފިޔަބަރި، މާލެ ކަމަށެވެ.
މި ޙާދިސާ ހިނގިއިރު ފިރިހެނާ ހުރީ އޭނާއަކީ ކާކުކަން ނޭނގޭނެ ގޮތަށް ހެލްމެޓް އަޅައިގެންނެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.









