މިއަދުގެ އަލިފާނުގެ ހާދިސާ ހިނގުމުން އެންމެ އިސްކަމެއް ދެއްވީ އަލިފާން ނިއްވުމާއެކު ޢާންމުން ރައްކާތެރި ތަންތަނަށް ގެންދިއުމަށް ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ މަޢުލޫމާތު ދައުލަތުގެ މީޑިއާ ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ ހާދިސާގެ ޚަބަރު ލިބުމާއެކު ހެނދުނު 6:30 އެހާކަށްހާއިރު އެމްއެންޑީއެފްގެ ފަޔަރ ޓީމު މަސައްކަތް ފެށިކަމަށެވެ. އެންމެ ފުރަތަމަ އިސްކަންދިނީ ކައިރީގައިވާ ގެތަކުގެ މީހުންނާއި ޢާންމުން ރައްކާތެރި ތަންތަނަށް ގެންދިއުމަށް ކަމަށާއި، އެ މަސައްކަތް ނިމުނުއިރު އަލިފާން ވަނީ ބޮޑަށް ފެތުރިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ވައި ގަދަވުމުން އަލިފާން އިތުރަށް ފެތުރުމުގެ ބިރު އޮތް. އެއްވެސް މީހަކަށް ގެއްލުމެއް ވުމަކީ ބޭނުންވާ ކަމެއް ނޫން. މީހުން ސަލާމަތްކުރުމުގެ މަސައްކަތް ނިމުނުއިރު އަލިފާން ވަނީ ވަރަށް ބޮޑަށް ފެތުރިފައި،" ވަޒީރު ޣައްސާން ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ ހުރިހާ އަލިފާން ނިއްވާ އާލާތްތަކާއި އިތުރު މުވައްޒަފުންނާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދިޔަ ކަމަށާއި، އެމްއޭސީއެލްގެ ވެހިކަލްތައްވެސް މިކަމަށް ބޭނުންކުރި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހައުސިންގ މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން ކައިރީގައިވާ އެހެން އިމާރާތްތަކުގެ މުހިންމު ލިޔެކިޔުންތައް ރައްކާތެރި ތަންތަނަށް ބަދަލުކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.