ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލް އިން ޖިރޯނާ ބަލިކޮށް މި މުބާރާތުގައި މޮޅުވަމުން އަންނަ ރެކޯޑް ދަމަހައްޓައިފިއެވެ.
މެޗުގެ ހަމައެކަނި ލަނޑު ޖެހީ ލިވަޕޫލްގެ މުހައްމަދު ސަލާހްއެވެ. ސަލާޙް މި ލަނޑު ޖެހީ މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ލިބުނީ ވީއޭއާރު ރިވިއުއަކަށް ފަހު، ޑޮނީ ވަން ޑި ބީކް، ލުއިސް ޑިއާޒްއަށް ފައުލްކުރި ކަމަށް ނިންމުމާއި ގުޅިގެންނެވެ.
މި މެޗުގައި ޖިރޯނާއިން ވަނީ ލިވަޕޫލްއަށް ދަތިކޮށްފައެވެ. ފުރަތަމަ ހާފުގައި ޖިރޯނާއަށް ލަނޑުޖެހުމުގެ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ލިވަޕޫލްގެ ގޯލްކީޕަރު އަލިސަން ވަނީ އެ ފުރުސަތުތައް ހުއްޓުވާފައެވެ. އަލިސަން މި މެޗުގައި ފަސް ސޭވް ކުރިއެވެ.
މި މޮޅުވުމާއެކު ލިވަޕޫލް ވަނީ 16 ވަނަ ބުރަށް ދިއުމާ ވަރަށް ގާތްވެފައެވެ. މި ސީޒަނުގައި ސަލާހް ވަނީ 16 ލަނޑު ޖަހައި 12 ލަނޑު ޖަހަން އެހީތެރިވެދީފައެވެ.









