އަންނަ އަހަރުގެ ކުރީކޮޅު މާލެ ސަރަޙައްދުގެ ސިއްޙީ ނިޒާމަށް 117 އެނދު އިތުރުކުރެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ދަށުން އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލަށް އެނދުތައް އިތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން، ސީއީއޯ ވިދާޅުވީ އައިޖީއެމްއެޗްގެ ކުރީގެ އެޑްމިނިސްޓްރޭޓިވް ބްލޮކްގައި 75 އެނދުގެ ވޯޑެއް ތައްޔާރުކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގެ އީއާރް ބޮޑުކުރުމުގެ މަސައްކަތުގެ ދަށުން 14 އެނދު އިތުރުކުރެވޭނެ ކަމަށާއި، ހުޅުމާލެ ހޮސްޕިޓަލުގެ 6 ބުރީގެ ޢިމާރާތުގެ 3 ވަނަ ފަންގިފިލާގައި 28 އެނދުގެ ވޯޑެއް ޤާއިމުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢުތަކާއެކު މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލުތަކުގެ އެނދުގެ ކެޕޭސިޓީ 316 އިން 433 އަށް އިތުރުވެގެންދާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ. މިއީ އާބާދީއާއި ނުބައްދަލު އެނދުގެ ރޭޝިއޯއަށް ޙައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ފާހަގަކުރެއްވިއެވެ.








