މަސްތުގެ ހާލަތުގައި ހުރެ ފުލުހަކަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކު ޝަރުތު ތަކަކާއެކު ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރެވުނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރެވުނީ އއ. ހޯރަފުށިން މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭއެވެ. ހައްޔަރުކުރެވުނު މީހާގެ މައްޗަށް ތުހުމަތުކުރެވެނީ މަސްތުގެ ހާލުގައި ހުރެ ފުލުހަކަށް އިންޒާރުދީ ބިރުދެއްކުމާއި، ހަޑިހުތުރު ބަހުން މުޢާމަލާތްކުރުމުގެ ކުށެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރެވުނެވެ. ކޯޓުން ވަނީ ޝަރުތު ތަކަކާއެކު އޭނާ ދޫކޮށްލާފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު މީހާއަށް ފުލުހުންގެ ބަންދުގައި ހުރިއިރު އަނިޔާކުރި ކަމުގެ އެއްވެސް ޝަކުވާއެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އަދި މިފަދަ ޝަކުވާއެއް އޮތްނަމަ، އެކަން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހުށަހެޅުމަށް ފުލުހުންގެ ޚިދުމަތުން ބާރުއަޅާ ކަމަށާއި، މިފަދަ ތަޙުޤީޤުތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.









