އަނިޔާގައި ހުރި ލިވަޕޫލްގެ ގޯލްކީޕަރު އަލިސަން ބެކަރ އަނބުރާ ޓީމާއި ގުޅިއްޖެ ކަމަށާއި ޗެމްޕިއަންސް ލީގުގައި މިރޭ ގިރޯނާއާއި ދެކޮޅަށް ނުކުންނަ މެޗުން އަލިސަން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ލިވަޕޫލްގެ ކޯޗު ސްލޮޓް ބުނެފިއެވެ.
އޮކްޓޯބަރު މަހުން ފެށިގެން އަނިޔާގެ ސަބަބުން ބުރެޒިލްގެ އަލިސަން ވަނީ ކުޅުމުން މަޙްރޫމްވެފައެވެ. އަލިސަންގެ ބަދަލުގައި ކުޅެމުން އައި ކެލެހަރ ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، އެހެންކަމުން ދެ ގޯލްކީޕަރުންގެ ތެރެއިން ކޮންމެ ކީޕަރަކު ކުޅުނަސް ރަނގަޅު ކަމަށް ސްލޮޓް ބުންޏެވެ.
ލިވަޕޫލްގެ މެޗު ތާވަލަށް ބަދަލު އައިސް، އެވަޓަނާއި ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރުމާއި ގުޅިގެން، މިރޭގެ މެޗުގައި އެންމެ ވަރުގަދަ ސްކޮޑް ބޭނުންކުރާނެ ކަމަށް ސްލޮޓް ބުންޏެވެ. ލިވަޕޫލް ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހުރިހާ މެޗެއް ކާމިޔާބުކޮށް ޕްލޭއޮފްގެ ޖާގަ ޔަގީންކޮށްފައެވެ.








