މި އަހަރު 260 އަށްވުރެ ގިނަ ފުލުހުންނަށް ރާއްޖެއިން ބޭރުގެ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދީފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ސީޕީ މިފަދައިން ވިދާޅުވީ 37 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އައްޑޫސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެން ލޯ އެންފޯސްމަންޓުގައި މިރޭ ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި ހުނަރުތައް އިތުރައް ފުޅާކުރުމަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފުރުޞަތުތައް ހޯދައިދެމުން އަންނަ އިރު، މި އަހަރު ތެރޭގައިވެސް އެ މަސައްކަތުގައި ކާމިޔާބީތައް ޙާޞިލްކުރެވިފައިވާ ކަމަށެވެ. އެގޮތުން މި އަހަރު އެކަނިވެސް 260 އަށްވުރެ ގިނަ ފުލުހުންނަށް ރާއްޖެއިން ބޭރުން ތަމްރީނުތަކުގައި ބައިވެރިވުމަށް ފުރުޞަތު ދީފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ ހިންގުން ހަރުދަނާކޮށް ފުލުހުންގެ ޤާބިލްކަން އިތުރުކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި މިފަދަ ތަމްރީނު ފުރުޞަތުތައް ފަހިވަނީ އޭގެ ސަބަބުން ކަމަށާއި އެ މަސައްކަތަށް ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުން 171 އޮފިސަރުން ދަސްވެނިވެފައިވާއިރު ސީޕީ ވިދާޅުވީ ތަމްރީނު ނިންމާ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ނުކުންނަ އޮފިސަރުންނަކީ ފުލުހުންގެ އިންޓަގްރިޓީ ހިފަހައްޓާ، އަޚުލާގީ ގޮތުން ރަނގަޅު ހަރުދަނާ ބަޔަކަށް ވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި ހަރުދަނާ ޤާބިލު ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށާއި ރިވެތި އަޚުލާގުގެ ވެރި ބަޔަކަށް ފުލުހުން ވުމަށް ސީޕީ ވަނީ ނަސޭޙަތްތެރިވެލައްވާފައެވެ.
މީގެ އިތުރުން ޑިއުޓީ ގަޑިތަކާއި އެނޫން ގަޑިތަކުގައި ވެސް ރިވެތި އަޚުލާގާއި ސުލޫކު ހިފަހައްޓާ ރިވެތި ބަހުން މުޢާމަލާތުކުރާ ބަޔަކަށް ފުލުހުން ވުމަށް ސީޕީ ވަނީ ގޮވާލައްވާފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާނާއި ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު އަދި އިންޑިއާގެ ސަރްދާރު ވައްލަބާއި ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރ އަމިތު ގަރްގް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.









