ފައިސާ ދެއްކުމުން މުދާ ޑެލިވަރ ނުކޮށްދޭ މައްސަލަތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ މިހާރަކަށް އައިސް އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ދެއްކުމުން މުދާ ޑެލިވަރީ ނުކޮށްދޭ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ޚާއްސަކޮށް ފޭސްބުކްގައި ހިންގާ "ހޯމް އާޓް ފަރުނީޗަރ" ޕޭޖާ ގުޅޭ ފްރޯޑް މައްސަލަތައް ގިނަ ޢަދަދަކަށް ހުށަހެޅެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އޮންލައިންކޮށް މުދާ ގަންނައިރު މުދާ އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކުމަށް އިލްތިމާސްކޮށްފައެވެ. އަދި "ހޯމް އާޓް ފަރުނީޗަރ" ޕޭޖުން މުދާ ގަތުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށާއި އޮންލައިންކޮށް ވިޔަފާރިކުރާއިރު އެ ވިޔަފާރިއެއްގެ ޞައްޙަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދަ ފްރޯޑް މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މުދަލަށް ފައިސާ ދެއްކުމުން މުދާ ޑެލިވަރ ނުކޮށް، ފޯނު ނަންބަރަށް ނުގުޅޭ ގޮތް ހަދާކަމުގެ މައްސަލަތަކަކީ މިހާރު ވަރަށް އާންމުވަމުން އަންނަ މައްސަލަތަކެކެވެ. ޚާއްސަކޮށް މިފަދަ ޖަރީމާތައް ޖައްސަނީ ފޭސްބުކް މާކެޓް ޕްލޭސް އަދި އިންސްޓްރަގްރާމުގެ ޕޭޖުތަކުންކަން ފާހަގަކުރެވެއެވެ.









