ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ސާކްގެ 40 ވަނަ ޗާޓަރ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
މި މެސެޖުގައި ރައީސް ވަނީ ސާކްގެ ސެކްރެޓަރީ ޖެނެރަލަށާއި، ސާކްގެ ސެކްރެޓޭރިއެޓަށާއި ސާކާއި ގުޅިފައިވާ ހުރިހާ މުއައްސަސާތަކަށާއި ދެކުނު އޭޝިއާގެ ޤައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ރައީސްގެ މެސެޖުގައި، ސަރަޙައްދީ ސުލްޙަމަސަލަސްކަމާއި ތަމައްދުނު ޙާޞިލުކުރުމަށްޓަކައި ސާކް ޗާޓަރުގައި އެކަށައަޅާ ބަޔާންކޮށްފައިވާ އުޞޫލުތަކާއި އަސާސްތަކަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި، އާންމު ޞިއްޙަތާއި، އިޤުތިޞާދީ ހަމަހަމަކަން ފަދަ، ނާޒުކު މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްތައް އާ ބާރެއްލައިގެން ކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
ރައީސްގެ މެސެޖުގައި، ދެމެހެއްޓެނިވި ތަރައްޤީއާއި އުފެއްދުންތެރިކަމާއި ވިލުންތެރި ބިނާރުތަކަށް އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައިވެއެވެ. މީގެއިތުރުން، ދެކުނު އޭޝިއާގެ ރައްޔިތުންނަށް އުފާވެރި، އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި، ސާކްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ޝާމިލުވުން އިތުރުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
"ސާކް ޗާޓަރ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.









