މާލޭގެ ގެއަކުން ތެލިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާފަންނު ގެއަކުން ވައްކަން ކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ ވަގަށް ނަގާފައިވަނީ ތެލިތަކެއް ކަމަށެވެ. ނަމަވެސް އެ މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރަން ފުލުހުން ހަރަކާތްތެރިވާ ވީޑިއޯއެއް ސޯޝަލް މިޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާގެ މޫނާއި ބޮލުގައި ހުދު ކުލައިގެ އެއްޗެއް ވަނީ ހާކާފައެވެ.
ބިންމަތީގައި ބަންޑުން ބޭއްވުމަށް ފަހު އޭނާ އަތުގައި ދެ ފުލުސް އޮފިސަރަކުވެގެން ބިޑު އަޅުވާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.









