މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިޢުލާނުކޮށްފިއެވެ.
ފުލުހުން ބުނީ ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
މި އަމުރާ ގުޅިގެން ހޯދަމުންދަނީ ލ. ގަން. ތުނޑި / ރޯސް، މުޙައްމަދު މާޖިދު (30އ) ކަމަށް ފުލުހުން ބުންޏެވެ.
މުޙައްމަދު މާޖިދު ހޯދަމުންދަނީ އޭނާގެ މައްޗަށް ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ 11 ވަނަ ދުވަހުގެ 11:00 އަށް ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
މުޙައްމަދު މާޖިދު އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.









