މަސްތުވާތަކެތީގެ މައްސަލައެއްގައި ދާންދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ ގއ. ނިލަންދޫއިން ދާންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ / ޒީނިޔާ، ޖައިލަމް ޢަބްދުﷲ (30އ) ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ނިލަންދޫ ފުލުހުންނާއި ދާންދޫ ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ދާންދޫއިން އޭނާ ހައްޔަރުކޮށް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދާންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.









