އިންޑިއާގެ ހައިދަރުއާބާދުގައި ކުރިއަށް ގެންދާ އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވާ ފަސް ފުލުހުން އިންޑިއާއަށް ފުރައިފިއެވެ.
ފުލުހުން ބުނީ މި ކޯހުގައި ބައިވެރިވުމަށް މި ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު އިންޑިއާއަށް ފުރާފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަބޫބަކުރު ލުޠުފީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢާއިޝަތު ހަސަން، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޒާހިދު، ސަރޖަންޓް މިޤްދާދު އިބްރާހީމް އަދި ސަރޖަންޓް ހަސަން ރިޔާޒް ޢަބްދުލް ޣަނީ ކަމަށެވެ.
މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން 10 މަސްދުވަހުގެ މުއްދަތަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ކޯހުގެ މައިގަނޑު މަޤުޞަދަކީ ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ލީޑަރުން ތައްޔާރުކުރުން ކަމަށެވެ. މި ތަމްރީނުތަކުގެ ސަބަބުން، ފުލުސް އޮފިސަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ހަރުދަނާގޮތެއްގައި އަދާކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރު ލިބިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، ސެންސިޓައިޒޭޝަން، އޮރިއެންޓޭޝަން އެންޑް ކޮމްޕިޓެންސީގެ މެޓްރިކްސް މެދުވެރިކޮށް ކެޕޭސިޓީ ބިލްޑިންގ އިތުރުކުރުން، ޕްރޮފެޝަނަލް އިލްމާއި ވިސްނުން ތަރައްޤީކުރުން، އޮގަނައިޒޭޝަނަލް އަދި ކޮމިއުނިޓީ ސްކިލްސް ތަރައްޤީކުރުމާއި އިންސާނީ އަހުލާޤާއި ހައްޤުތަކާއި ވިސްނުން ތަރައްޤީކުރުމަށް މަގުފަހިވާނެ ފަދަ ތަމްރީނުތައް ކުރިއަަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
އައިޕީއެސް ޕްރޮބޭޝަނާސް ކޯހަކީ އިންޑިއާގެ އެކި ސްޓޭޓްތަކުން ހޮވޭ ފަރާތްތަކަށް މަރުކަޒީކޮށް ހިންގޭ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު 1998 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދިވެހި ފުލުހުންނަށް ދަނީ ލިބެމުންނެވެ.









