މެންޗެސްޓަރ ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުންތަކެއްގެ އުންމީދަކަށްވެފައި އޮތީ އެޓީމާއި އަލަށް ގުޅުނު ކޯޗު ރުބެން އަމޮރިމްއާއެކު ޓީމްގެ ނަތީޖާ ރަނގަޅު ވެގެންދާނެކަމަށެވެ. ނަމަވެސް މި އުންމީދުތަކަށް އަދި ރަނގަޅު އަލިމަގެއް ފެނިފައެއްނުވެއެވެ. އެޓީމުން އެންމެ ފަހުން ކުޅުން ދެ މެޗުންވެސް ވަނީ ބަލިވެފައުވެ.
އެގޮތުން ރޭ އަމިއްލަ ދަނޑުގައި ނޮޓިންގްހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑްވަނީ 3-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. މެޗެ ފަށައިގެން ދެވަނަ މިނެޓުގައި ނޮޓިންގްހަމް ފޮރެސްޓްއިންވަނީ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ މިލެންކޮވިޗެވެ. މެޗުގެ 18 ވަނަ މިނެޓުގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފޯވާޑް ހޮއިލަންޑެވެ.
ދެވަނަ ހާފް ފައްޓައިގެން ނޮޓިންގްހަމްއިން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގިބްސް ވައިޓްއެވެ. މެޗުގެ 54 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް ކްރިސް ވުޑްވަނީ ތިންވަނަ ލަނޑެއްޖަހައި ލީޑް ފުޅާކޮށްދީފައެވެ. އޭގެ އިރުކޮޅެއްފަހުން މެންޗެންސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ވަނީ ލަޑެއްޖަހައި ނަތީޖާ ކުޑަކޮށްފައެވެ.
ރޭގެ ބައްޔާއެކު ޔުނައިޓެޑް އޮތީ ތާވަލްގެ 13 ވަނާގައި 15 މެޗުން 19 ޕޮއިންޓާއިއެކުއެވެ. ލީގުގައި ދެން ޔުނައިޓެޑް ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީއާއި ދެކޮޅަށެވެ.









