ޓީމުގެ ކުޅުމާއި ދޭތެރޭ ބާސެލޯނާގެ ކޯޗު ހާންސީ ފްލިކް ކަންބޮޑުވެ، ލަ ލީގާގައި ކުޅުން އެއްހަމައެއްގައި ދެމެހެއްޓުމަށް އޭނާ އެ ޓީމަށް ގޮވާލައިފިއެވެ. މިގޮތަށް ފްލިކް ގޮވާލީ ރެއަލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެފަހަރު ލީޑު ނެގުމަށްފަހު 2-2 އިން އެއްވަރުވުމާ ގުޅިގެންނެވެ.
ބެނީޓޯ ވިލަމަރިން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބާސެލޯނާއަށް ގޯލު ޖެހީ ރޮބަޓް ލެވަންޑޮވްސްކީ އާއި ފެރާން ޓޯރެސްއެވެ. ނަމަވެސް ބެޓިސްގެ ޖިއޮވާނީ ލޯ ސެލްސޯ އާއި އަސާނެ ޑިއާއޯ ވަނީ ގޯލު ޖަހައި އެއްވަރުކޮށްފައެވެ.
މި މެޗާ ގުޅިގެން ފްލިކް ވަނީ އޭނާގެ ކުޅުމުގެ ފެންވަރު ރަނގަޅު ނޫންކަމަށް ބުނެފައެވެ.
"މިއީ ރަނގަޅު މެޗެއް ނޫން. އަޅުގަނޑުމެންނަކީ ޒުވާން ޓީމެއް އަދި ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން އެބަޖެހޭ،" ފްލިކް ނޫސްވެރިންނަށް ބުންޏެވެ. "ޚާއްޞަކޮށް ބޭރުގައި ކުޅޭއިރު އަޅުގަނޑުމެން ވާންޖެހޭނީ ވަރުގަދަ ޓީމަކަށް. އަޅުގަނޑުމެންގެ ފެންވަރު ހުރި، އެކަމަކު އެ ފެންވަރު ކޮންމެ މެޗެއްގައިވެސް ދައްކަންޖެހޭ."
މި މެޗުގައި ފްލިކްއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އެއީ ބެޓިސްއަށް ޕެނަލްޓީއެއް ދިނުމާއި ގުޅިގެން އިހުތިޖާޖުކުރުމުންނެވެ. ނަމަވެސް ފްލިކް ބުނާގޮތުގައި އޭނާ އެއްވެސް މީހަކާއި ދިމާލަށް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ރަތް ކާޑާ ގުޅިގެން އިސްތިއުނާފު ކުރާކަށް ނެތްކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ބާސެލޯނާގެ ކުރިއަށް އޮތް މެޗަކީ ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ބޮރޫސިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ޑިސެމްބަރު 15 ގައި ލަ ލީގާގައި ލެގަނޭސްއާ ދެކޮޅަށް ކުޅޭނެއެވެ.









