ކެވިން ޑި ބްރޭނާ ރިޕްލޭސްކުރުމަކީ އުނދަގޫކަމަކަށް ވާނެ ކަމަށް މެންޗެސްޓަރ ސިޓީގެ މެނޭޖަރު ޕެޕް ގުއާޑިއޯލާ ބުނެފިއެވެ. 33 އަހަރުގެ ބެލްޖިއަމް މިޑްފީލްޑަރުގެ މުސްތަގުބަލާމެދު އޮޅުންއަރާ ދަނޑިވަޅެއްގައި ގާޑިއޯލާ ވަނީ އޭނާއަށް ތައުރީފު ކޮށްފައެވެ.
2015 ވަނަ އަހަރު ސިޓީއާއި ގުޅުނު ޑި ބްރޭނާގެ ކޮންޓްރެކްޓް މި މޫސުމުގެ ނިޔަލަށް ހަމަވާއިރު، އޭނާ ސިޓީއަށް ކޮށްދީފައިވާ މަސައްކަތަަށް ގާޑިއޯލާ ވަނީ ޝުކުރު އަދާކޮށްފައެވެ. މި މޫސުމުގައި އިންޖަރީގެ ސަބަބުން ގިނަ މެޗުތަކެއް ކުޅެވިފައިނުވާ ޑި ބްރޭނާ ވަނީ އޯގަސްޓް މަހުން ފެށިގެން އޭނާގެ ފުރަތަމަ ޕްރިމިއަރ ލީގް މެޗު ކުޅެފައެވެ. އެއީ ނޮޓިންގަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗެވެ.
ޑި ބްރޭނާގެ ކޮންޓްރެކްޓާއި ގުޅޭގޮތުން ސުވާލުކުރުމުން ގާޑިއޯލާ އެކަމާއި އޭނާ ނުބެހޭ ކަމަށެވެ. އަދި ނުސީދާ ގޮތަކަށް ޑިބްރޭނާ މާ މުސްކުޅި ވެއްޖެ ކަމަށް ބުނެފައި ވެއެވެ. "އަހަރެން ބޭނުންވަނީ އޭނާ 23 އަހަރުގައި ހުރެ 10 އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުން. އެކަމަކު ބަލަމާ ހިނގާ،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ސިޓީއާ ގުޅުނު އަހަރުގެ ކުރިން ސިޓީއާ ގުޅުނު ޑި ބްރޭނާ ވަނީ ކުލަބާއެކު 6 ޕްރިމިއަރ ލީގް މުބާރާތާއި، 2 އެފްއޭ ކަޕާއި، 5 އީއެފްއެލް ކަޕް ކާމިޔާބުކޮށްފައެވެ. އަދި 2022-23 ވަނަ އަހަރު ސިޓީގެ ފުރަތަމަ ޗެމްޕިއަންސް ލީގް ކާމިޔާބުކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވެއެވެ.
"މި ކުލަބުގެ ތާރީޚުގައި އަބަދަށް ހަނދާންކުރާނެ ކުޅުންތެރިން އެބަތިބި. އެފަދަ ކުޅުންތެރިން ރިޕްލޭސްކުރުމަކީ ފަސޭހަކަމެއް ނޫން. އެކަމަކު އެކަން ވެއްޖެނަމަ އެންމެ ރަނގަޅު ގޮތެއް ހޯދަން ޖެހޭނެ،" ގާއާޑިއޯލާ ބުންޏެވެ.
ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ގާޑިއޯލާ އާއި ޑި ބްރޭނާ އާ ދެމެދު ހިތްހަމަނުޖެހުމެއް އޮތް ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދީފައެވެ. "މީހުން ބުނަނީ އަހަރެންނާއި ކެވިންއާ ދެމެދު މައްސަލައެއް އުޅޭ ކަމަށް. ކެވިން ނުކުޅުވަން އަހަރެން ބޭނުންވާނެ ކަމަށް ހީވަނީތަ؟ އެންމެ ހުނަރުވެރި ކުޅުންތެރިޔާ ނުކުޅުވަން ބޭނުންވާނެތަ؟ 9 އަހަރު އެކުގައި މަސައްކަތްކުރުމަށްފަހު އަމިއްލަ މައްސަލައެއް އޮންނާނެތަ؟"
ފޮރެސްޓާ ދެކޮޅަށް ކުޅުނު ،ެޗަށް ގާޑިއޯލާ ވަނީ ފުރަތަމަ 11 އިން ޑި ބްރޭނާއަށް ފުރުސަތު ދީފައެވެ. އެ މެޗުގައި އޭނާ ވަނީ ގޯލެއް ޖަހައި އެސިސްޓެއްދީ މޭން އޮފް ދަ މެޗު ހޯދާފައެވެ.









