މިދިޔަ ނޮވެމްބަރު މަހު ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅުނީ ވައްކަމުގެ މައްސަލަ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ޖުމްލަ 989 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން 310 މައްސަލައަކީ ވައްކަމުގެ މައްސަލައެވެ.
މި އަދަދަކީ ކުރީ ދެ މަހާއި އަޅާބަލާއިރު އިތުރު އަދަދެއްކަން ފާހަގަކުރެވެއެވެ. ވައްކަމުގެ މައްސަލަތަކުގެ ފަހަތުން އެންމެ ގިނައިން ހުށަހެޅިފައިވަނީ އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން 236 އެކްސިޑެންޓެއްގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން، މިދިޔަ މަހު މީހުންނަށް އަނިޔާކުރުމުގެ މައްސަލަތައް ވެސް ވަނީ އިތުރުވެފައެވެ. ނޮވެމްބަރު މަހު މީހުންނަށް އަނިޔާކުރުމުގެ 63 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވެއެވެ. އަދި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގެ 51 މައްސަލައަކާއި ފޭރުމުގެ 32 މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓް ކޮށްފައެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ހުށަހެޅުނު އެހެނިހެން މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ 130 މައްސަލައާއި، އެއްޗެހި ގެއްލުމުގެ 67 މައްސަލައާއި، މުދަލަށް ގެއްލުން ދިނުމުގެ 46 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ޖިންސީ ގޯނާގެ 24 މައްސަލައާއި، ގެވެށި އަނިޔާގެ 18 މައްސަލައާއި، އަދި ފޯޖުކުރުމުގެ 11 މައްސަލަ ވެސް ވަނީ ފުލުހުންނަށް ހުށަހެޅިފައެވެ.









