ރާއްޖޭގެ ފުރަތަމަ ފަހަރަށް ބާއްވާ ޓެނިހުގެ ބައިނަލްއަގްވާމީ ރޭންކިން މުބާރާތް ކަމަށްވާ ދިރާގު އޭޝިއަން ޓެނިސް ފެޑެރޭޝަން މޯލްޑިވްސް 16 އެންޑް އަންޑަރ އޯޕަން ޗެމްޕިއަންޝިޕް މިއަދު ފަށާނެއެވެ.
މި މުބާރާތަކީ ރާއްޖޭގެ ޓެނިހުގެ ތާރީހުގައި އޭޝިއަން ޓެނިސް ފެޑެރޭޝަނުގެ ރޭންކިން މުބާރާތެއް ބޭއްވިގެންދާ ފުރަތަމަ ފަހަރެވެ. މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުނީ ގިނަ ދުވަހުގެ މަސައްކަތަކުން ކަމަށް ޓެނިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ޔޫސުފް ރިޒާ ވިދާޅުވިއެވެ.
މުބާރާތުގައި 7-8 ގައުމަކުން 50 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިގްނާޒް މަންސޫރު ވިދާޅުވިއެވެ. ރާއްޖެއިން 19 ކުޅުންތެރިން ބައިވެރިވާނެއެވެ.
އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ މިންގަނޑުތަކާއި އެއްގޮތަށް ކުރިޔަށްދާ މުބާރާތް ކުރިއަށްދާނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.










