އާންމުންނާ ގުޅުން ބަދަހިކުރުމުގެ ޚާއްޞަ ޙަރަކާތެއް ފުލުހުން ފަށައިފިއެވެ.
ފުލުހުން އިއްޔެ ސޯޝަލް މީޑިއާގައި ޙިއްސާކުރި ޕޯސްޓެއްގައި ބުނީ އާންމުންނާ އެކު އެކުވެރި މާޙަޢުލެއްގައި ބައްދަލުވެ، ވާހަކަ ދައްކާލުމަށް "ފުލުހަކާ އެކު ކޮފީއެއް" ގެ ނަމުގައި ޚާއްސަ ޙަރަކާތެއް ފަށާފައިވާ ކަމަށެވެ.
އާންމުންނާ ގާތުން ޚިދުމަތްތައް ދިނުމަށް ޚާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުން އަންނަ އިރު، އިއްޔެ ފެށި މި ޙަރަކާތަކީވެސް ސިލްސިލާކޮށް ކުރިއަށް ގެންދާނެ ޙަރަކާތެއް ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން މި ޙަރަކާތް އިއްޔެ ފަށާފައިވާއިރު، އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް އާންމުކޮށް ހުޅުވާލައިގެން އިއްޔެ ހަވީރު އެ ހަރަކާތް ކުރިއަށް ގެންދިޔައީ ވިނަރެސް ފްލެޓު 8 ގައި ހުންނަ ބުރުޒު ބީ8 ގަ އެވެ.

"ފުލުހަކާ އެކު ކޮފީއެއް" ޙަރަކާތުގެ ތެރެެއިން. / ފޮޓޯ: ފުލުހުން
ފުލުހުން ބުނީ މި ބައްދަލުވުމުގައި ގިނަ ބައެއްގެ ބައިވެރިވުން ލިބި، ހުޅުވިގެންވާ މާޙަޢުލެއްގައި ފުލުހުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
މީގެ އިތުރުން، މިފަދަ ޙަރަކާތްތަކަކީ ރައްޔިތުންގެ އިތުބާރު ހޯދައި، ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަން ފާހަގަކޮށް ފުލުހުން ވަނީ މި ޙަރަކާތުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.









