"ސައިބަރ އެކްސްޕޯ 2024" ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ފަސް ފަރާތަކާ ދެމެދު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި، މި ފަހުމުނާމާތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ.
މި އެކްސްޕޯގެ ބްރޯންޒް ޕާޓްނަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސައިން ނައުފަލްއެވެ. ބޭންކިންގ ޕާޓްނަރ، މޯލްޑިވްސް އިސްލާމިކް ބެންކުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު ރިޟާއެވެ. މީޑިއާ ޕާޓްނަރ، ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދުއެވެ. ޓެލެކޮމިއުނިކޭޝަން ޕާޓްނަރ، ދިރާގުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ރަޝީދުއެވެ. އަދި ކޭޓަރިންގ ޕާޓްނަރ، ޕާކްސައިޑްގެ ފަރާތުން ސޮއިކުރެއްވީ ޕާކްސައިޑްގެ ވެރިޔާ އަލީ ތައުފީޤްއެވެ.
މި ޑިސެމްބަރު މަހުގެ 11 އިން 12 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިިފައިވާ މި ސައިބަރ އެކްސްޕޯއަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ފަންނީ ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕޯއެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި އެސްޕޯއަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާޙަޢުލެއް ޤާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަޙުލުވެރިކުރުވުމަށް ބާއްވާ އެކްސްޕޯއެއް ކަމަށެވެ.
މިދިޔަ މަހުގެ ތެރޭގައި ވަނީ "ސައިބަރ އެކްސްޕޯ 2024" ވެބްސައިޓުވެސް ލޯންޗުކޮށްފައެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދާޚިލި ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސައިބަރ ސްޕޭސްގެ ޙާލަތު މިހާރު އޮތްގޮތް ވަޒަންކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރާ ހަވާލުވެގެން އައި އިރު ސަރުކާރުގެ އެކި އިދާރާތަކަށް ސައިބަރ ތްރެޓްސް އައި މިންވަރާއި އަމިއްލަ ވިޔަފާރިތަކަށް ދޭތެރެ ދޭތެރެއިން ތްރެޓްސް އަންނަވަރު މިހާރުވެސް ވަޒަން ކުރަންޖެހޭ ކަމަށާއި ނެޝަނަލް ލެވެލްގައި މުޅި ސައިބަރ ސްޕޭސް މެނޭޖުކުރަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.









